މުސާރައަށް އައިސްފައިވާ ކުރިއެރުން ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު: މާލީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
މުސާރައަށް އައިސްފައިވާ ކުރިއެރުން ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު: މާލީ ވުޒާރާ

މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި ދައުލަތުގެ މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މާލީ ވުޒާރާއިން މިކަން ހާމަކުރެއްވީ، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާ ގުޅިގެން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ގޮތްތަކާ ބެހޭގޮތުން ދެއްވި ބަޔާނެއްގައެވެ.

މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މުސާރަ ހިސާބު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރ މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެންނެވެ. އަދި 1 ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން، މުސާރައިގެ ކުރިއެރުން ފުރިހަމައަށް ލިބެން ފަށާނީ ޑިސެންބަރު މަހުގެ މުސާރައިންނެވެ.

މީގެ އިތުރުން، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ. މިގޮތުން، ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މިއީ މުވައްޒަފުންގެ އުޖޫރައަށް އަންނަ ބަދަލުތަކުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

މާލީ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ. މިއީ ދައުލަތުގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.

މިއަދު އޮންލައިން