މާދަމާރޭ މައްޗަންގޮޅި ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާދަމާރޭ މައްޗަންގޮޅި ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާރޭ މާލޭ މައްޗަންގޮޅީގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށް ބާއްވާ މި ބައްދަލުކުރެއްވުން ކުރިއަށްދާނީ މާދަމާރޭ 20:30 ގައި އަމީނިއްޔާ ސްކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި އިޢުލާނާ އެއްގޮތަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މިއީ ސަރުކާރުން ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރެއްވުމަށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

މާދަމާރޭ އޮންނަ މި ބައްދަލުވުމަށް މައްޗަންގޮޅީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ. ރައީސް މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއައްސަވައި، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރައްވަމުންނެވެ.

މިއަދު އޮންލައިން