އަމާޒަކީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު ޕްރޮކިއުމަންޓު ޕޮލިސީއަށް އަމަލުކުރަން ފެށުން: ފެނަކަ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަމާޒަކީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު ޕްރޮކިއުމަންޓު ޕޮލިސީއަށް އަމަލުކުރަން ފެށުން: ފެނަކަ

އަމާޒަކީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު ޕްރޮކިއުމަންޓު ޕޮލިސީއަށް އަމަލުކުރަން ފެށުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެންވަރމަންޓު އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަދައްކަވަމުން ނަޖާޙް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް ކުންފުންޏާ ޙަވާލުވިއިރު، ކުރީގެ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވިއިރު، ފެނަކައިގެ ޕްރޮކިއުމަންޓު ޕޮލިސީއާއި ޕީސީބީ (ޕަބްލިކް ކޮންޓްރެކްޓްސް ބޯޑު) ގެ ޕޮލިސީއާ ދެމެދު ފުށޫއެރުންތަކެއް ހުރިކަމަށެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން ޕްރޮކިއުމަންޓު ޕޮލިސީ އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ނަޖާޙް ފާހަގަކުރެއްވިއެވެ. ޕޮލިސީ އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާ ނިމި، ޑްރާފްޓު ބޯޑަށް ހުށައެޅުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ޕޮލިސީ ތަންފީޒުކުރާނެ ގޮތް ހާމަކުރައްވަމުން ނަޖާޙް ވިދާޅުވީ، ޑްރާފްޓު ބޯޑަށް ހުށައެޅުމަށްފަހު ބޯޑުން ދޭ ލަފާގެ މަތިން ފައިނަލް ޑްރާފްޓު ތާރޑް ޕާޓީއަކަށް ފޮނުވައިގެން އަނެއްކާވެސް ރިވިއު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލައަށް ރިވިއު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"މި އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނީ އައު ޕޮލިސީއާއެކު. ... ފައިނަލް ޑްރާފްޓްއަކަށް ތާރޑް ޕާޓީއަކަށް ފޮނުވާގެން އަނެއްކާ ރިވިއުކުރާނީ. އަޅުގަނޑުމެން އަމިއްލަ އަށް ރިވިއު ކުރުމަކީ ރަނގަޅު ގޮތެއް ނޫން" އައު ޕޮލިސީ ތަންފީޒުކުރުމުގެ އަމާޒާ ގުޅޭގޮތުން ނަޖާޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން