މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިންގ ބިލްޑިންތައް އެޅުމުގެ މަސައްކަތް ޙަވާލުކުރާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިންގ ބިލްޑިންތައް އެޅުމުގެ މަސައްކަތް ޙަވާލުކުރާނެ: ވަޒީރު

މާލޭގައި ޕާކިންގ ބިލްޑިންތައް އެޅުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވޭނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

މާލޭގެ ޕާކިންގއާއި ވެހިކަލް މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، މި މަސައްކަތަކީ ވަރަށް ބޮޑެތި ބިންތަކެއް ބޭނުންވާ އަދި ބޮޑެތި ޚަރަދުތަކެއް ހިނގާ މަސައްކަތެއް ކަމަށެވެ. މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ޖުމްލަ 15 އިމާރާތުގެ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ޕާކިންގ ބިލްޑިންތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވެއެވެ. ވަޒީރު އަމީން ވިދާޅުވީ، މިކަމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. "މިހާރު މިއޮތީ، މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާގައި. 1 މަސް ތެރޭ ކޮންޓްރެކްޓަރުންނާ ޙަވާލުކުރާނެ. އަދި 3-4 މަސް ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެ."

މި ޕާކިންގ ބިލްޑިންތައް އެޅުމުގެ މަސައްކަތް ފެށުމާއެކު، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އެގޮތުން، މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމަށްފަހު، ކުރިއަށް އޮތް 3 ނުވަތަ 4 މަސް ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް ވަޒީރު އަމީންގެ ބަސްފުޅުތަކުން ހާމަވެއެވެ.

މިއަދު އޮންލައިން