ޢިބްރަތްތެރި ވާހަކަ: ކައިވެނީގެ ބޭރުން ލޯބިވެރިޔާއަށް ދަރިއަކު ލިބުމުން އެކަމުން ސަލާމަތްވާން މަރުވެއްޖެކަމަށް ހެދުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނީގެ ބޭރުން ލޯބިވެރިޔާއަށް ދަރިއަކު ލިބުމުން އެކަމުން ސަލާމަތްވާން މަރުވެއްޖެކަމަށް ހެދުނު މީހެއްގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ހެޔޮލަފާ މީހަކަށް ހެދިގެން އުޅެމުން އެކުވެރި ބައަކާއިއެކު އިންޑިއާއަށް ގޮސްފައި ދެން ވީގޮތެއް ނުއެނގުނެވެ. އެކުވެރިން އެނބުރި އައިސް ބުނީ ދިއަތަނެއް ނުއެނގުނު ކަމަށެވެ. ފުލުހުންނަށްވެސް ވާނީ ރިޕޯޓްކޮށްފައި ކަމަށެވެ.  

2 ދަރިން ތިބުމާއިއެކު ކޮއްކޮ ނިންމީ އިންޑިއާއަށްގޮސް ފިރިމީހާގެ އެއްވެސް ޚަބަރެއްވޭތޯ ބެލުމަށެވެ. ދަތުރަށް ތައްޔާރުވަމުން ދަނިކޮށް އެކުވެރިއެއްގެ ކިބައިން ލިބުނީ ތަފާތު ޚަބަރެކެވެ. ފިރިމީހާގެ އިތުރު 2 ލޯބިވެރިން ތިބޭކަމާއި އެތަނުން އެކަކު ގޮވައިގެންގޮސް އިންޑިއާގައި އުޅެނީ ކަމަށެވެ. އެއަންހެން މީހާއާއި ގުޅޭނެ ނަންބަރުވެސް ދިނެވެ.  

އެހެންވެ ކޮއްކޮގެ ފޯނުން ގުޅައިލިތަނާ ނެގީވެސް ފިރިމީހާއެވެ. "ޅިޔަނާއެވެ! ދުނިޔޭގައި ހުރިކަން ކަށަވަރުކޮށްލީ" ކަމަށް ބުނެފައި ފޯނުކަނޑައިލީއެވެ. 

އަވަޤުތު ކަންބޮޑުވިއެވެ. ދެރަވެސްވިއެވެ. ނަމަވެސް ހިތްވަރު ލިބުނެވެ. މިއުޅެނީ މާރަނގަޅު ގޮތެއް މެދުވެރިވާންކަމަށް ޔަޤީންކުރެވުނެވެ. އެހެންވެ އެހިސާބުން މަސައްކަތްކޮށްގެން އަވަހަށް ވަރިވީއެވެ. ދެވަނަ ކައިވެނިވެސް ކުރީއެވެ. ލިބުނީ ހުރިހާ ގޮތަކުންވެސް މާރަނގަޅު ފިރިއެކެވެ.  

އަޅުގަނޑުގެ ސުވާލަކީ މިހާބޮޑެތި މަކަރު ހަދަނީ ކީއްވެގެން ހެއްޔެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކިވަރުގެ މަކަރުހަދާ މީހުން ދުނިޔޭގައި އުޅޭނެކަން ޤަބޫލުކުރާށެވެ! ތިއައީވެސް އެއިގެ ތެރެއިން މީހެކެވެ. ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! މާބޮޑެތި މަކަރުހަދާ މީހުންވެސް އެބައުޅޭކަން ވިސްނިލައްވާނެއެވެ.  

ކައިވެނިކޮށް ދަރިން ލިބުމަށްފަހުގައިވެސް ބައެއް މީހުން، އެމީހުންގެ އަމިއްލަ ޙާލަތަށް ނުބަލައި އާވާރާ ދިރިއުޅުން އުޅެން ފަށައެވެ. އެފަދަ ދިރިއުޅުމުގެ ސަބަބުން ބޮޑެތި ދެރަތައް ލިބި މުޅިދިރިއުޅުން ބަނގުރޫޓުވެގެންދާ މީހުންވެސް މަދެއް ނޫނެވެ. އަދި އެފަދަ މީހުންގެ ސަބަބުން ނިކަމެތިކަންލިބޭ އަންހެނުންނާއި ދަރިންވެސް މަދެއް ނޫނެވެ.  

ތިރީގައި އެވަނީ އާވާރާ ދިރިއުޅުމުން ސަލާމަތް ނުވެވިގެން މަރުވެއްޖެ ކަމަށް ހެދެން ޖެހުނު ފިރިހެނަކަށް ޖެހުނު ޙާލުގެ ވާހަކައެވެ.  

އަހަރެންނަށް ލިބުނީ ފޯންކޯލެކެވެ. އެކްސިޑެންޓެއްވެފައި އަހަރެންގެ ފިރިމީހާ މަރުވީއެވެ. މޫނުވެސް އޮތީ ޗިސްޗިސްވެފައެވެ. އެހެންވެ ކާކުކަން ދެނެގަންނަން އުނދަގޫވާތީ އާއި ވެފައި އޮތް ވަރުން މޫނުވެސް ނުދައްކައި ވަޅުލީއެވެ.  

ޖަނާޒާގެ ކަންކަން ނިމިގެން މީހުންތައް ދިއައިރުވެސް އަހަރެންހުރީ ދުޢާކުރާށެވެ! އެހެން ހުއްޓައި ފަހަތުން ކުޑަކުއްޖަކު ރޯއަޑު އިވެން ފެށުމުން ފަހަތް ބަލައިލިއިރު އަންހެނަކު ތުއްތު ކުއްޖަކު އުރައިގެން ހުއްޓެވެ. އޭނާ ބުނީ ވަޅުލެވުނީ އެ ކުއްޖާގެ ބައްޕަ ކަމަށެވެ.  

އޭނާ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ރުޅިވެސް އާދެވުނެވެ. ނަމަވެސް އެކަންކަން އެތެރެއަށް ހިންދާލާފައި އޭނާގެ ފޯނު ނަމްބަރު ހޯދީމެވެ. 

އަނެއްދުވަހު އޭނާއަށް ގުޅީމެވެ. އޭނާ ކިޔައިދިނެވެ. "އަހަރެންނާއި އޭނާ ބައްދަލުވެ ލޯބި އުފެދުނެވެ. އޭނާގެ އަންތބަކު ހުންނަ ވާހަކައެއް ނުބުނެއެވެ. އެއީ ކިތަންމެ ނުބައިކަމަކަށްވީނަމަވެސް ކައިވެނިކުރާނެ ކަމަށް ބުނުމުން ޒިނޭވެސް ކުރެވުނެވެ.  

ދަރިފުޅަށް ބަލިވެ އިންކަން އެނގުމުން ފޯނެއް ނުނެގިއެވެ. ފިލީއެވެ. ޢާއިލާއިން އަހަރެންވަނީ ބާކީކޮށްލާފައެވެ. ދަރިފުޅު މިބަލަނީ މީހުންނަށް މަސައްކަތްކޮށްދީގެންނެވެ. މިއުޅެނީ ވަރަށް ނިކަމެތި ޙލުގައެވެ." 

އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު އެކުއްޖާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. އަދި ދެމައިން އަހަރެންގެ ގެއަށް ގެނެސް ގެންގުޅެން ފެށީމެވެ. އަހަރެން އެކަނި އުޅުމަށްވުރެ އެގޮތްވެސް ރަނގަޅުވާނެތީއެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިގެންދިއައެވެ.  

2، 3 މަސް ފާއިތުވީތަނާ އެއް ދުވަހު ފެނުނީ ފިރިމީހާ އައިސް ގެއަށް ވަންތަނެވެ. އަދި ބުންޏެވެ. "މިއީ ކޮން އަންހެނެއްހެއްޔެވެ؟ މިއަންހެން މީހާ މިގެއަށް ވެއްދީ ކީއްކުރަން ހެއްޔެވެ؟ ހަމަމިހާރު ގެއިން ނެރެލާށެވެ.! މަރުވި ކަމަށް ހެދެން ޖެހުނީވެސް މިއަންހެނާ އާއި ހުރެއެވެ. އޭނާގެ ކިބައިން ސަލާމަތްވުމަށެވެ."  

ޖަވާބުގައި ބުނީމެވެ. "މަރުވި މީހާ މަރުވެ ކައްވަޅުގައި އޮންނާށެވެ! މިގެއިން ހަމަ މިހާރު ތިބާ ނުކުންނާށެވެ! ހުރިހާ ނުބައިކަމެއް ކޮށްފައި ދުނިޔެއަށް ފިލަން މަރުވެއްޖެ ކަމަށް ހެދުނު މަކަރުވެރިޔާ ހަމަމިހާރު މިގެއިން ނުކުންނާށެވެ! މިގެ ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެއެވެ. ތިބާއަށް ހަމަ އެންމެ ޙައްޤުކަން ބޮޑީ ކައްވަޅެވެ!"  

ދުވަސްކޮޅެއް ފަހުން ދެމީހުންވެސް ދެ މީހުންނާ ކައިވެނިކުރީއެވެ. އެއް ދުވަހެއްގައެވެ. ދެ ޢާއިލާވެސް މިއުޅެނީ ހަމައެކުގައި އަހަރެންގެ ގޭގައެވެ. އުފާވެރިކަމުގައެވެ. ހިތަށް އަރަނީ އިންސާނުން ނުބައި ނުލަފާވުމުގައިވެސް ހައްދެއް އޮންނަންވާނެ ނޫންހެއްޔެވެ؟ އަހަރެންގެ ކުރީގެ ފިރިމީހާ ގޮތަށް މަރުވެގެން ތިބި ކިތައް ފިރިހެނުން ދުނިޔޭގައި ތިބޭނެބާވައެވެ!  

މިއަދު ޑްރާމާ ކުޅެވިދާނެއެވެ. އަނހެންކުދިންނަކީ ޟަޢީފް ބައަކަށްވުމުން މަޅީގައި ޖައްސައި ކަތިލަމުން ދުވެވިދާނެއެވެ. ފުރާނަ ނެތިގެން ކައްވަޅަށް ދާންޖެހޭނެ ދުވަހާއި ބައްދަލުނުކޮށް ހަމަ އެކަކަށްވެސް ސަލާމަތެއް ނުވެވޭނެއެވެ. މިވާހަ ނޫސްތަކާއި ޙިއްޞާ މިކުރީ މިފަދަ ފިރިހެނުންނާއިމެދު ހޭލުންތެރިވުމަށް އެހީތެިވުމުގެ ގޮތުންނެވެ.

 

- ނަސްރީނާ ޢަލީ ޚާން / މުންބާއީ، އިންޑިއާ

މިއަދު އޮންލައިން