ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ނިޔާވި އައިޝަތު ނަޒާހަތު އަހުމަދު ދީދީގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ވަނީ ފުން ހިތާމަ ފާޅުކުރައްވައި، މަރުޙޫމާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީގެ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައެވެ. ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފު، އެސޯސިއޭޓް ކައުންސިލް އޮފިސަރު، ސ. ހިތަދޫ، ތަމަންނާގެ ޢާއިޝަތު ނަޒާހަތު އަޙުމަދު ދީދީއެވެ. މަރުޙޫމާ ނިޔާވީ ސިޒޭރިއަން ހަދަން އުޅެނިކޮށް ކުއްލި ޙާލަތެއް މެދުވެރިވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް އެމަނިކުފާނަށް ކުރުވި ކަމެއް ކަމަށެވެ. ރައީސް ވަނީ މަރުޙޫމާގެ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަނާއަށް ޝަހީދެއްގެ ދަރަޖަ ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.