ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ، އަންހެނުން ބާރުވެރިކުރުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް: މެޑަމް ސާޖިދާ

ޑިޖިޓަލް ޕްލެޓްފޯމްތައް ވާންވާނީ އަންހެނުން ބާރުވެރިކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ކަމަށާއި، އޮންލައިންކޮށް ދޭ އަނިޔާއާއި ބިރުދެއްކުމަށް އެއްވެސް ބަހަނާއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިކަން ހާމަކުރެއްވީ އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވަނީ ބިރުވެރިކަމުގެ ސަބަބުން އަޑުކެނޑިފައިވާ ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއްގެ ނަމުގައި ވާހަކަ ދައްކަވާފައެވެ. އަދި ކޮންމެ އަންހެނަކަށްވެސް ރައްކާތެރިކަމާއި، ޤަދަރާއި، ކުރިއަރައި ދިއުމުގެ މިނިވަންކަން ޙައްޤުވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. ޑިޖިޓަލް ޒަމާނުގެ އަންހެނުންގެ ހައިސިއްޔަތުން، އަނިޔާ އަކީ ދިރިއުޅުމުގެ 'އާދައިގެ' ބައެއްގެ ގޮތުގައި ޤަބޫލުކުރުމަށް ދެކޮޅު ހަދާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ޑިޖިޓަލް ޕްލެޓްފޯމްތަކަކީ އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމަށް މަގުފަހިކޮށްދޭ ތަންތަނަށް ވާންޖެހޭނެ ކަމަށެވެ. އެކަމަނާ ވަނީ އޮންލައިންކޮށް ދޭ އަނިޔާއާއި ބިރުދެއްކުމަށް އެއްވެސް ބަހަނާއެއް ނެތްކަން ހާމަކުރައްވާ، މިފަދަ ކަންކަމަށް ދެކޮޅު ހެދުމަށް #NoExcuse ގެ ހޭޝްޓެގް ބޭނުންކުރައްވާފައެވެ.

އަންހެނުންނާއި ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާވެފައިވަނީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށެވެ. މެޑަމް ސާޖިދާ ވަނީ އޮންލައިންކޮށް އަދި އޮފްލައިންކޮށްވެސް ރައްކާތެރި ދުނިޔެއެއް ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ޔަޤީންކޮށްދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މިއަދު އޮންލައިން