"އޮރެންޖް ދަ ވޯލްޑް" ކެމްޕެއިންއަކީ، އުއްމީދާއި، އެއްބައިވަންތަކަމާއި، އަދި އަނިޔާކުރުން ނެތް މުސްތަޤުބަލެއް ރަމްޒުކޮށްދޭ ކެމްޕެއިނެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެގޮތުން، "16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް"ގެ ނަމުގައި އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް 25 ނޮވެމްބަރުން 10 ޑިސެމްބަރުގެ ހަރަކާތްތައް ފެށިގެންދަނީ "އޮރެންޖް ދަ ވޯލްޑް" އިންނެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާ، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ހުރިހާ ފަރާތްތައް ގުޅިގެން، އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަމާއި، ކަރާމާތާއި، ޙައްޤުތަކާއި، އަނިޔާތަކުން ހިމާޔަތްކުރުމުގެ މުހިންމުކަން އަޑުހަރުކޮށް ފާހަގަކުރާ ދުވަސްތަކެވެ.
ޒަމާނުއްސުރެން އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތައް އަންނަނީ ގޭތެރެއިން ފެށި ގޭތެރެއިން ހައްލުކުރެވޭނެ ކަންކަން ކަމުގައި ޤަބޫލުކުރެވެމުންނެވެ. ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ މިފަދަ ހާލަތްތަކުގައި ދިރިއުޅޭ އަންހެނުން ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރޭގައި ތާށިވެ އަމިއްލައަށް އަޑުއުފުލުމުގެ ހިތްވަރު ވެސް ނެތިގެންދިއުމެވެ.
އެގޮތުން، "16 ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް" އަކީ އަންހެނުންނަށް ކުރާ އަނިޔާތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސް، އަންހެނަކަށް ވީތީ ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލައި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަންހެނުންނަށް ވީތީ ކުރާއަނިޔާ ވިޔަނުދިނުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ބާރުއެޅުމުގެ މަޤުސަދުގައި 1991 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން ތަޢާރަފްކުރެވުނު ކެމްޕޭނެކެވެ.
މި ކެމްޕެއިއަކީ ޑޮމިނިކަން ރިޕަބްލިކްގައި 1960 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު މީރާބަލް ސިސްޓަރސް އަވަހާރަކޮށްލެވުމާއި ގުޅިގެން ފެށިގެން އައި ކެމްޕެއިނެކެވެ. އެގޮތުން، ސިޔާސީ ޙަރަކާތްތަކުގައި މަޝްހޫރުވެފައިވާ މި ތިން އަންހެން ބޭކަނބަލުންގެ ހަނދާނުގައި ވުމެންސް ގްލޯބަލް ލީޑަރޝިޕް އިންސްޓިޓިއުޓް މެދުވެރިކޮށް 1991 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނީ އަންހެނުންނާއި ދެކޮޅަށްކުރާ އަނިޔާ ހުއްޓުވުމުގެ ބަޢިނަލްއަޤުވާމީ ދުވަސްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ކެމްޕޭން ނިންމާލަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ކަމުގައިވާ އިންސާނީ ޙައްޤުތަކުގެ ދުވަހަށެވެ. އެއީ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އިންސާނީ ޙައްޤުތަކުން ވަކިނުކުރެވޭނެ ކަމެއްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
މިދުވަސްތައް ފާހަގަކުރުމަށް ބޭނުންކުރާ އޮރެންޖް ކުލައިން ދައްކުވައިދެނީ އުއްމީދާއި، އުފާވެރިކަމާއި، ހުރިހާ ބާވަތެއްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމަށް އދއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް" އެވެ.
ޓެކްނޮލޮޖީގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުންނާއި އަންހެނުން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ޓެކްނޮލޮޖީގެ ވަޞީލަތްތައް މެދުވެރިކޮށް ކުރާ އަނިޔާއަށް ހޭލުންތެރިކޮށް އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ.
އެގޮތުން، މި އަހަރުގެ މި ޝިޢާރަކީ ޑިޖިޓަލް މަންސަތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ފުރައްސާރައާއި، ފާރަލުމާއި، ބްލެކްމެއިލުކުރުމާއި، ހުއްދަނެތި ޒާތީ މަޢުލޫމާތު ނުވަތަ ފޮޓޯ އިންޓަރނެޓްއަށް ލުން އަދި އޭއައި މެދުވެރިކޮށް ޑީޕް ފޭކް ހެދުމާއި މިނޫންވެސް އެކި ކަންކަމަށް ހޭލުންތެރިކޮށްދޭ ޝިޢާރެކެވެ. ޑިޖިޓަލް މަންސަތަކުގައި ކުރިމަތިވާ މިފަދަ ކަންކަމުގެ ޝިކާރައަކަށްވާ ފަރާތަކަށް އޭގެއިން، ނަފްސާނީ، ޖިސްމާއީ އަދި އިޖުތިމާޢި ގޮތުން އެތަށް ގެއްލުންތަކެއް ލިބިގެންދެއެވެ.
އެހެންކަމުން، ޑިޖިޓަލް މަންސަތަކުގައި ކުރިމަތިވާ މިފަދަ އިނިޔާތަކުން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމެވެ. އަދި މިފަދަ ކަމެއްގެ ޝިކާރައަކަށް ވުމުގެ ކުރިން އަމިއްލައަށް ވެސް ރައްކާތެރިކަން ހޯދުމަށް ކުރެވޭނެ ގިނަ ކަންކަން ހުރެއެވެ. އެގޮތުން، ގޮތް ނޭނގޭ ލިންކްތަކަށް ނުފިއްތުމާއި، އެއްވެސް މީހަކާއި އޮންލައިން ޛަރިއްޔާއިން ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި، ގޮތް ނޭނގޭ ފަރާތްތަކުން މުޢާމަލާތްކުރުމުން އެފަރާތްތައް ބޮލޮކް ކުރުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ. ހަމައެހެންމެ، ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި ތިމާއަށް މި ލިބެނީ އަނިޔާއެއްކަން ދަނެގަނެ، ވީ އެންމެ އަވަހަކަށް އެހީތެރިކަން ހޯދަން ވާނެއެވެ.
މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޔުނިޓްއަށް 3329237 ނަންބަރު ފޯނުން ރިޕޯޓު ކުރެވޭނެއެވެ. އަދި ހަމަމިއާއެކު، ކުޑަކުއްޖެއްގެ މައްސަލައެއްނަމަ 1412 އަދި ބޮޑެތި މީހުންގެ މައްސަލައެއްނަމަ 1421 އަށް ގުޅައިގެން ހުށަހެޅޭނެއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާއި ގުޅިގެން މިއަހަރު މި ވުޒާރާއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 342 މައްސަލަ މި ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
އަންހެނުންނާއި އަންހެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހަމަހަމަކަމާއި އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް މި ވުޒާރާއިން އަންނަނީ ގިނަގުނަ ކަންތައްތަކެއް ވެސް ރާވައިގެން ކުރަމުންނެވެ. އެގޮތުން، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤައުމީ މަރުކަޒީ އިދާރާއެއް ޤާއިމުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި، ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާނެ ޒުވާނުން ބިނާކުރުމަށް ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ.