އަތޮޅު ކައުންސިލަކީ، ރާއްޖޭގެ ހާލަތުގައި ކޮންމެހެން އޮންނަށް ޖެހޭ ލޭޔަރެއް ނޫން: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
އަތޮޅު ކައުންސިލަކީ، ރާއްޖޭގެ ހާލަތުގައި ކޮންމެހެން އޮންނަށް ޖެހޭ ލޭޔަރެއް ނޫން: ޤާސިމް

އަތޮޅު ކައުންސިލްތަކަކީ ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮންމެހެން އޮންނަންޖެހޭ ލޭޔަރެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ގެނައި އިސްލާހަށް ތާއީދުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާ ގުޅޭ ބައި އުނިކޮށް އެ މާއްދާތައް އިޞްލާޙް ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ހުށަހެޅި އިޞްލާޙަކީ ވަރަށް މުހިންމު އަދި މުނާސަބު އިޞްލާޙެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2011 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި ކުރެވިފައިވާ ތަޖުރިބާއިން އެނގިގެންދަނީ އަތޮޅު ކައުންސިލަކީ ރާއްޖޭގެ ހާލަތުގައި ކޮންމެހެން އޮންނާންޖެހޭ ލޭޔަރެއް ނޫންކަމެވެ.

އަތޮޅު ކައުންސިލްގެ ދައުރު އުނިކުރުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލައްވަމުން ޤާސިމް ވިދާޅުވީ، ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމަކީ، ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދު ކުޑަވެގެން ދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނެ ކަމެއްކަމަށެވެ. ޚާއްޞަކޮށް 2023 ގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީ، އެ ވުޒާރާއިން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ، ރަށު ކައުންސިލްތަކުގެ ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލްގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭނެ ގޮތެއް ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.

މި ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުން ފާސްވެގެން ދިއުމާ ގުޅިގެން، ޤާސިމް އިބްރާހީމް ވަނީ ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ތަހުނިޔާ ވިދާޅުވެފައެވެ. "ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދުކުޑަކޮށް ޤައުމު ކުރިއަށްގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް އަޅުގަނޑާއި ޖުމްހޫރީޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމުގެ ޔަޤީންކަން ދެމެވެ،" ޤާސިމް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިޞްލާޙް ވީހާވެސް އަވަހަކަށް ތަސްދީޤުކުރައްވާނެއެވެ. ޤާސިމް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރުވެސް ދަންނަވާފައެވެ.

މިއަދު އޮންލައިން