މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން ހާމަކުރައްވައި، ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުތައް ފެށުމަށް ނިންމަވާފައިވާ ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް އަންނާނެކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޑްރެޖަރުތަކަށްވުރެ ބޮޑު ޑްރެޖަރަކާއެކު ބިން ހިއްކުމުގެ މަސައްކަތް އަވަސްވާނެކަމަށް ވިދާޅުވިއެވެ. އަދި މިވަގުތުވެސް 3 ސަރަޙައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަސް ނުވަތަ އޭޕްރީލް މަހާއި ހަމައަށް ނިންމޭނެކަމަށެވެ.
"ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާރިޗު ނުވަތަ އޭޕްރީލް މަހާހިސާބަށް، އެއީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް. ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވަނީ. ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާން ކުރެވިފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓަންޓަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް އެމަސައްކަތްކުރުމަށްވެސް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންވަނީ، ސިންދަފާތު ދާއިރާތަކުން ޚިޔާލު ހުށަހަޅުއްވައި ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން، މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަޙައްދުތައް އަދި ޕަބްލިކް ވަރކްސް އާ ގުޅުންހުރި ކަންކަމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި، ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނޭ މަރުކަޒުތައް ނެތުމުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި ޚިޔާލުތައް ހިމެނެއެވެ.
ބައެއް ކަންކަމަށް ވަކި ވަކީން ބައްލަވާލައްވަމުން އެމަނިކުފާނު ވަނީ، ޕަބްލިކް ވަރކްސް ޚިދުމަތުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން ފާހަގަކުރައްއްވާފައެވެ. އަދި އެފަދަ މަސައްކަތްތައް ސިޓީ ކައުންސިލުން ނުކުރާނަމަ، ސަރުކާރުން އިސްނަގައިގެންވެސް މައްސަލަތައް ޙައްލުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގް ބިލުތަކަށް މިހާރު ފައިސާ ދައްކަވަން ފައްޓަވާފައިވާކަމަށާއި، މަސްވެރިންގެ ފައިސާގެ ކަންތައް ޙައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާދެއްކުންވެސް ހަމައަކަށްއަޅުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވަނީ، މާލޭ ޓެކްސީ ލައިނަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަމުގެ ޔަޤީންކަން ދެއްވައި، އެ ޚިދުމަތުގެ ތެރެއިން ޑްރައިވަރުންނަށް ހުރި ފުރުޞަތުތައް ހިއްސާކުރައްވާފައެވެ.
ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއް، ބުރުޒު މަގުގައި އާކޭޑެއް އަދި ކުޑަކުދިންގެ ކުޅިވަރު ކުރޭ މަރުކަޒެއް ތަރައްޤީކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ތިމާވެއްޓަށް އިސްކަންދޭ ސަރުކާރެއްކަމުގައިވާނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ، އޮންނަ އުސޫލެއްގެ ދަށުން ބޮޑެތި ގަސްތައް ނަގައި، ބަދަލުގައި ގަސް އިންދައި، ރާއްޖޭގެ ފެހިކަމަށް އިސްކަންދެއްވާނޭކަންވެސް މިރޭގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، ޢަރަބިއްޔާ ސްކޫލް ހުރި އިމާރާތް ބޭނުންކުރާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހުށަހެޅުއްވުމަށްވެސް އެދިވަޑައިގެންފައެވެ.
ރައްޔިތެއްގެ އަމިއްލަ ކަމެއް ކަމުގައިވިޔަސް، އަދި ޖަމަޢީ ކަމެއް ކަމުގައިވިޔަސް، ރައްޔިތުން ފާޅުކުރެއްވި ބިނާކުރަނިވި ޚިޔާލުތަކަށް ސަމާލުކަންދެއްވައިގެން އެކަންކަން ބައްލަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.