ޢަރަބިއްޔާ ސްކޫލް ހުރި ބިން ތަރައްޤީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ އެތަނުގައި ޕާކިންގއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްޤީކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު މިރޭ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ބާވެ ނުރައްކާތެރި ޙާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް ޢިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ޢަރަބިއްޔާ ހުރި ބިމަކީ 11000 އަކަފޫޓުގެ ބިމެކެވެ. މި ބިން ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ވިސްނަވަމުންދަނީ، މާލޭގެ ޕާކިންގގެ ދަތިކަން ލުއިކުރުމަށް ޕާކިންގ ސަރަޙައްދަކާއި، ކުޑަކުދިންނަށް ޚާއްޞަ ޕާކެއް ހެދުމަށެވެ.
ނަމަވެސް، އެސަރަޙައްދުގައި އެހެންގޮތަކަށް އެކަންކުރުމަށް މައްޗަންގޮޅީގެ ރައްޔިތުންގެ ޚިޔާލު ހުށައެޅުއްވުމުގެ ފުރުސަތު ރައީސް ވަނީ ހުޅުއްވާލައްވާފައެވެ.
މާލޭގެ ރައްޔިތުންނާ މަޝްވަރާކޮށްގެން، އެ ސަރަޙައްދުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބިން ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ލަފާކުރެވެއެވެ.