ބައިވެރިޔާއަށް މަކަރުހަދައިގެން އަބަދު އުޅެވޭނެ ކަމަށް ހީކޮށް ކަންކަންކުރާ ފިރިހެނުންވެސް އަދި އަންހެނުންވެސް އުޅެއެވެ. އެއީ ކުރެވޭ ކުށްހީއެކެވެ. އެއްވެސް ކަމެއް އަބަދަކަށް ސިއްރެއް ނުކުރެވޭނެއެވެ. ތިރީގައި އެވަނީ އެކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ.
އަޅުގަނޑަކީ މައިންބަފައިންގެ ކިބައިން ކުޑަވަރެއްގެ ބިންކޮޅެއް ލިބުމުން އަމިއްލަ މަސައްކަތުން އެބިންކޮޅުގައި ކުޑަ ގެއެއް އަޅައިގެން ދިރިއުޅެމުން އައި އަންހެނަކީމެވެ. ގޭގައި ހަތަރު ފްލޯ ހުންނާނެއެވެ. ކޮންމެ ފްލޯއެއްގައިވެސް 2 ކޮޓަރިއެވެ. އެއްފްލޯގައި ދިރިއުޅެނީ އަނެއް 3 ފޮލޯ ހުންނާނީ ކުއްޔަށް ދީފައެވެ. ވީމާ ބޭންކް ލޯން ދައްކާފައިވެސް ކޮންމެވެސް މިންވަރެއް ބާކީވެސް ކުރެވެއެވެ. އަދި ވަޒީފާއިން ލިބޭ މުސާރަ އާއިއެކު އުފަލުގައި ދިރިއުޅެވެއެވެ.
ކައިވެނިކުރީ އުފަލުގައި ދިރިއުޅެމުންނެވެ. ކައިވެނިކުރިތާ 2 އަހަރުވީތަނާ ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅު ލިބުމުން ނޯޕޭ ލީވްއެއް ނަގައި ދަރިފުޅުބަލަން ގޭގައި މަޑުކުރީއެވެ. ދުވަސްކޮޅެއްފަހުން ފިރިމީހާ އެއް ދުވަހު އޮފީހުން އައީ އަހަރެންނާއި އެއް އުމުރުގެ އަންހެނަކު ގޮވައިގެންނެވެ.
ބުނީ މިއީ ދަރިފުޅު ބަލައި ގޭގެ މަސައްކަތްކުރަން ގެނައި އަންހެނެއް ކަމަށެވެ. ބޭނުންވަނީ ދަރިފުޅު ބެލުން އޭނާ އާއި ޙަވާލުކޮށްފައި އަހަރެންވެސް އަލުން މަސައްކަތު ގޮސް އުފާވެރިކަމުގައި ދިރިއުޅެވޭނެ ގޮތް ހަދައިދޭން ކަމަށެވެ.
ހިތުގައި ފުރަތަމަވެސް ޝައްކުތަކެއް އުފެދުނެވެ. ނަމަވެސް ފިރިމީހާއަށް ޝައްކުކުރުމަކީ ކުރަން އޮތް ކަމަކަށް ނުވާތީ ފިރިމީހާ ދެއްކި ވާހަކަތައް ޤަބޫލުކުރިކަމަށް ބުނެ އެއްބަސްވީމެވެ.
ފިރިމީހާގެ ކިބައިން ޝައްކުވާފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ނަމަވެސް ހިތް ސަފުކުރެވޭނެ ގޮތެއް ނުވެއެވެ. ހިތް އަބަދުވެސް ބުނަނީ މިކަމުގައި ގޯހެއް އުޅޭނެ ކަމަށެވެ. އެހެންވެ ދިއައީ ވަރަށް ފާރަވެސް ލަމުންނެވެ. ފާރަލުމަކީ ކުށަކަށްވީނަމަވެސް އެކަންވެސް ކުރެވުނެވެ.
ދަރިފުޅަށް 3 އަހަރު ފުރިގެން ޕާޓީ ބޭއްވިތާ ވަރަށް ގާތުގައެވެ. އެއްރޭ ހޭލެވުނުއިރު ފިރިމީހާ އެނދަކު ނެތެވެ. ބާރަށް ގޮސް ދެވަނަ ކޮޓަރީގެ ދޮރު، ޑަބަލްތަޅުދަނޑިން ހުޅުވަން މަސައްކަތްކުރުމުން ނުހުޅުވުނެވެ. އެތެރެއިން ހުރީ ތަންޑުއަޅައިފައެވެ. ދޮރުފަތުގައި ތަޅާތާ އިރުކޮޅެއްފަހުން ދޮރުހުޅުވިއިރު ފިރިމީހާ ފެންނާކަށް ނެތެވެ. ފާޚާނާ ހުޅުވައި ބެލިއިރު ފިރިމީހާ ކަނެއްގައި ފިލައި އިނެވެ.
ކަމުގެ ޙަޤީޤަތް އެނގުނުއިރު ދެމީހުން ވަނީ ކައިވެނިވެސްކޮށްފައެވެ. ގެއަށް ގެނެސްގެން ގެންގުޅުނީ ތަނެއް ކުއްޔަށް ހިފައިގެން ގެންގުޅެވޭވަރުގެ ތަނަވަސްކަން ފިރިމީހާގެ ނެތުމުންނެވެ.
ފިރިމީހާގެ އިތުރުން ދަރިފުޅުގެ ބައްޕަކަމަށްވުމުން އެދަންވަރު ގެއިން ނެރެލަން އުނދަގޫވެސްވިއެވެ. ނަމަވެސް ހިތް މަޖުބޫރުކުރީ ވަގުތުން ގެއިން ނެރެލުމަށެވެ. އެހެންވެ ދެމީހުން އެކުގަ ގެއިން ވަގުތުން ނެރެލީމެވެ.
މިއަދާ ހަމައަށް 3 އަހަރުފާއިތުވީއެވެ. އޭނާގެ އެއްވެސް ޚަބަރެއްވެސް ނުވެއެވެ. ވަރިކުރި ވާހަކައެއްވެސް ނުބުނެއެވެ. ވަރިކުރިތޯ ބަލާކަށްވެސް ނޫޅެމެވެ. އެއީ ދެވަނަ ކައިވެންޏެއް ކުރާނެ ހިތްވަރު އަދިވެސް ނެތުމުންނެވެ. އެހިތްވަރު ހޯދަން މަސައްކަތްކުރާނެ ހިތްވަރެއްވެސް ނެތެވެ.
އޮފީހަށް މިދަނީ ދަރިފުޅު ދައްތައާއި ޙަވާލުކޮށްފައެވެ. އެކަމަށް ދައްތައަށް އަގުވެސްދެމެވެ. ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ. ފިރިމީހާއަށް ފާރަލާން ނުޖެހުމުން ވަނީ ވަރަށް ބޮޑު އުފާވެރިކަމެއްވެސް ލިބިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ފިރިހެނުންނަށް ބުނެލަން އޮތީ މުޅި އުމުރުގައި ވައްކަންކޮށްގެން ދިރިއުޅެން ތިއަ ވިސްނަނީ ބޭޒާރުނުވާނެ ކަމުގެ ކިހައިވަރެއްގެ ޔަޤީންކަމެއް އޮތުމުން ހެއްޔެވެ؟ އަނބިމީހާ ކަމުނުދާނަމަ ފައުޅުގައި އެވާހަކަ ދައްކައިގެން ޙައްލުކުރަން މަސައްކަތްނުކޮށް ބޭވަފާތެރިވެ މަކަރުހެދުން އިސްކުރަނީ ދުނިޔޭގައި އަބަދު މަކަރުހަދައިގެން އުޅެވޭނެކަމަށް ޤަބޫލުކުރެވޭތީ ހެއްޔެވެ؟
އަނބިން ގާތު ދައްކާ ވާހަކަތައް ޤަބޫލުކޮށްލައިގެން ކެތްތެރިވަނީ ބުއްދިނެތް މޮޔައިން ކަމުގައިވާތީއެއް ނޫނެވެ. ހުރިހާ އަންހެނުންނަކީ މޮޔައިން ކަމަށް ހީނުކުރާށެވެ!
- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް