ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބައު އިންޖީނުގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ކުންފުނީގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޖީނުގޭގެ މަރާމާތުގެ މަސައްކަތެއް ކުރިއަށް ދަނިކޮށެވެ.
ސްޓެލްކޯއިން މިކަމާ ގުޅިގެން ބުނެފައިވަނީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ކުއްލިއަކަށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މި ހާދިސާގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، އެ މަސައްކަތުގައި އުޅުނު މުވައްޒަފަކަށް ވަނީ އަނިޔާ ލިބިފައެވެ.
އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު މުވައްޒަފަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ސްޓެލްކޯއިން ފާހަގަކޮށްފައިވާ ގޮތުގައި، ލިބުނު އަނިޔާތަކަކީ އެކި ވަރުގެ އަނިޔާތަކެއް ކަމަށާއި، މިވަގުތު އޭނާގެ ހާލަތު ބަލަމުންދާ ކަމަށެވެ.