ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ. މި ފަސް ބޭފުޅުންނަށް ރުހުން ދިނުމުގެ ނިންމުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ފޮނުވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރެއްވުމަށް ރައީސް މުއިއްޒު ވަނީ އެ މަގާމަށް ކުރިމަތިލެއްވި ހުރިހާ އެންމެންގެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވާފައެވެ. އެ މަގާމަށް ޖުމްލަ 14 ފަރާތަކުން ކުރިމަތިލާފައިވެއެވެ. މި ނަންތައް މަޖިލީހަށް ހުށަހެޅުއްވީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 29 އަށް ހަމަވާތީއެވެ.
މިއަދު މަޖިލީހުގައި މި ފަސް ބޭފުޅުންނަށް ރުހުން ދިނުމުގެ ކުރިން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއުކޮށް، އެ ބޭފުޅުންގެ ޤާބިލުކަން ދިރާސާކޮށްފައެވެ. ކޮމިޓީގެ ދިރާސާއަށްފަހު، އެ ފަސް ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މަޖިލީހުން ރުހުންދިން 5 ބޭފުޅުންނަކީ:
- ހަސަން ނާސިހު އަހުމަދު
- އުސާމާ މޫސާ
- ޝިފްޒާ އަބްދުލްގައްޔޫމް
- އާއިޝަތު އިޝާ
- އަހުމަދު ޔާމީން
މި ފަސް ބޭފުޅުންނަށް މަޖިލީހުގެ ރުހުން ލިބުމާއެކު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތަކުގައި އިސްތިއުނާފުގެ މަރުހަލާ ކުރިއަށްގެންދާ މުއައްސަސާއެކެވެ.