ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދިން މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ޤާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް އެ ބޭންކުން ބުނެފިއެވެ. މިފަދަ ވާހަކަތަކަކީ ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫންކަމަށް ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ޤާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫން ކަމަށެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ، ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި ޤަވާއިދުތަކާ އަދި ބައިނަލްއަޤުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށެވެ. އެހެންކަމުން ބޭންކުގެ ލޯނު ދޫކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަނީ ޤާނޫނާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.
ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވަނީ ސިޔާސީ މަޤުސަދެއް ހާސިލްކުރުމަށްޓަކައި ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ޙަޤީޤަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ސިފަކުރައްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.