ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން، ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާކަމަށް މިއަދު ވަނީ ހާމަކޮށްފައެވެ. މި މުބާރާތުގެ މައިގަނޑު މަޤުސަދަކީ ދިވެހީންގެ މެދުގައި ދިވެހި ތާރީޚަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމެވެ.

ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މުބާރާތް ބާއްވަނީ ހުރަވީ ދުވަހާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަށެވެ. އަދި ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) މި ޤައުމަށް ވެވަޑައިގެން ޤުރުބާނީއާއި އެމަނިކުފާނުގެ ހަޔާތްޕުޅުން ނެގޭ ފިލާވަޅުތައް ރަމްޒުކޮށްދޭ ކަންކަމުގެ މައްޗަށް ޢާންމުން އަހުލުވެރިކުރުވުމަކީވެސް މުހިންމު ކަމެކެވެ.

މި މުބާރާތް ހުޅުވާލާފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 21 އަހަރާއި 21 އަހަރުން ދަށް ފަރާތްތައް ހިމެނޭ ފުރަތަމަ ގިންތިއާއި، 21 އަހަރުން މަތީގެ ފަރާތްތައް ހިމެނޭ ދެވަނަ ގިންތިއެވެ. މި ދެ ގިންތީގެ އުފެއްދުންތައް އިންސާފު ކުރުމާއި، މާކުސް ދިނުން އޮންނާނީ މުޅިން ވަކީންނެވެ. ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮންނަންވާނީ ދޮންބަންޑާރައިންގެ ހަޔާތްޕުޅުގެ މައްޗަށް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އުފައްދާ ވީޑިއޯ ކުލިޕްތަކުގެ ޖުމްލަ ދިގުމިން ނުވަތަ ކުރު ފިލްމުގެ ދިގުމިން ވާންވާނީ 10 މިނިޓާއި 15 މިނިޓަށް ފެތޭ އުފެއްދުމަކަށެވެ.

ވުޒާރާއިން ވަނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ނުކުތާތަކެއް ހާމަކޮށްފައެވެ. އެގޮތުން، އެއްވެސް މަންޒަރެއްގައި ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިންގެ މޫނުފުޅު ސިފަކޮށް ކުރިމަތިން ފެންނަ ގޮތަށް ދައްކައިގެން ނުވާނެއެވެ. އެއީ ރަސްމީ ނުވަތަ އިތުބާރު ހިފޭ އެއްވެސް އެއްޗަކުން އެމަނިކުފާނު ސިފަތައް އެނގެން ނެތުމުން ތާރީޚީ އޮޅުމެއް ނާރާ ގޮތް ހެދުމަށް ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. ވީޑިއޯގައި އަސްލު މީހުން ނުވަތަ އަސްލާ އެއްގޮތް ކަރެކްޓާސް ބޭނުން ކުރެވިދާނެ ކަމަށާއި، ވީޑިއޯގެ ރޭޓިންގ ވާންވާނީ ހުރިހާ އުމުރު ފުރައަކަށް ބެލޭ އުފެއްދުމަކަށް ކަމަށްވެސް ވުޒާރާއިން އިލްތިމާސް ކުރައްވައެވެ. އަދި ހުށަހަޅާ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފުވާ ފަދަ ވާހަކަތަކާއި، މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަތައް ހިމަނައިގެން ނުވާނެއެވެ.

މުބާރާތުން ވަނަ ވަނައަށް ދާ ކުރު ފިލްމު ނުވަތަ ވީޑިއޯ ކުލިޕްތަކަށް ފައިސާގެ އިނާމުވެސް ވަނީ ކަނޑައަޅާފައެވެ. ކޮންމެ ގިންތިއަކުން 1، 2، 3 ވަނަ ހޮވޭނެއެވެ. އެގޮތުން 1 ވަނައަށް ހޮވޭ އުފެއްދުމަކަށް 15,000 ރުފިޔާއާއި ހަނދާނީ ލިޔުމާއި، 2 ވަނައަށް 10,000 ރުފިޔާއާއި ހަނދާނީ ލިޔުން، އަދި 3 ވަނައަށް 5,000 ރުފިޔާއާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން