މަހުލޫފު ޖަޕާނު ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މަހުލޫފު ޖަޕާނު ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވައިފިއެވެ.

މަހުލޫފު ސަފީރުކަމަށް އައްޔަން ކުރުމަށްޓަކައި، އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މަހުލޫފަކީ ދިވެހި ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އޭނާ ސިޔާސީ ދާއިރާއަށް ނިކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީންނެވެ. އެއަށްފަހު އެކި ސަރުކާރުތަކުގައި އިސް މަގާމުތައް ފުރުއްވާފައިވެއެވެ.

މަހުލޫފު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ 14 ނޮވެންބަރު 2025 ވަނަ ދުވަހު އެ ޕާޓީން މާލޭގައި ބޭއްވި ބޮޑު އެއްވުމުގައެވެ. ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ލީޑާޝިޕާއި އާއްމު މެންބަރުން ވަނީ އޭނާާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފާސްކުރުމަށް ހުށަހަޅާނެއެވެ.

މިއަދު އޮންލައިން