ދުންފަތުގެ އިސްތިމާލު ކުރުން ހުއްޓާލުމަށް ރަށަކުން އެދޭނަމަ، އެކަން ކުރަންޖެހެނީ ރައްޔިތުންނާއި މަޝްވަރާކޮށް ކައުންސިލުން ނިންމައިގެން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
ދުންފަތުގެ އިސްތިމާލު ކުރުން ހުއްޓާލުމަށް ރަށަކުން އެދޭނަމަ، އެކަން ކުރަންޖެހެނީ ރައްޔިތުންނާއި މަޝްވަރާކޮށް ކައުންސިލުން ނިންމައިގެން: ވަޒީރު

ދުންފަތުގެ އިސްތިމާލު ކުރުން ހުއްޓާލުމަށް ރަށަކުން އެދޭނަމަ، އެކަން ކުރަންޖެހެނީ އެރަށެއްގެ ރައްޔިތުންނާއި މަޝްވަރާކޮށް ކައުންސިލުން އެގޮތަށް ނިންމައިގެން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުމުގެ މަސައްކަތަކީ އެއްވެސް މަޖުބޫރު ކަމެއް އޮތް ކަމެއް ނޫން ކަމަށާއި، އެކަން ކުރިއަށް ގެންދަންޖެހޭނީ ރައްޔިތުންގެ ޝައުޤުވެރިކަމާއެކު ކައުންސިލްތަކުން ނިންމައިގެން ކަމަށެވެ.

ވަޒީރު ނާޡިމް ފާހަގަކުރެއްވި ގޮތުގައި، މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭ ކަމެއް ނޫނެވެ. މީގެ ކުރިންވެސް މިގޮތަށް ރަށްރަށް ކަނޑައަޅައި އެވޯޑުވެސް ދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ފުރަތަމަ ކަމަކަށް، މިއީ އަމިއްލައަށް ކުރާ ކަމެއް. މިކަމަކީ އަދަބެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ރަށެއްގެ ކައުންސިލުން އެކަމަށް މަސައްކަތް ކުރަން ވިސްނައިގެން އެކަމާއި ގުޅޭގޮތުން ޕްލޭނެއް ހަދައި ތަންފީޒުކުރަން ފުރަތަމަ އަންނަނީ. އޭގެ މާނައަކީ 3 މަރުހަލާއެއް އެބައިން. އެކަން ކުރާނީ ޝައުޤުވެރިވެ ރައްޔިތުންނާއި މަޝްވާރާކޮށް ނިންމައިގެން،" ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުން އިސްވެ، އެ ރަށަކުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން އެކަން ކުރިއަށްގެންދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެންނެވެ. މި މަސައްކަތް ކުރިއަށްދާނެ ތިން މަރުހަލާ ވަޒީރު ވަނީ ހާމަކުރައްވާފައެވެ. ފުރަތަމަ މަރުހަލާގައި ރައްޔިތުން ނިންމާނީ އެރަށެއްގެ އާންމު އެއްވެސް ތަނެއްގައި ދުންފަތުގެ އިސްތިމާލު ނުކުރުމަށެވެ. ދެވަނަ މަރުހަލާގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރި ކުރުން އެއްކޮށް ހުއްޓާލަން ނިންމާނެ ކަމަށާއި، ތިންވަނަ މަރުހަލާ އަކީ ކުރީގެ ދެ މަރުހަލާ ތަންފީޒުވުމަށްފަހު ރައްޔިތުން އެއްކޮށް ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ތަންފީޒުކުރުމަށް ބަލަންޖެހޭ ކަންކަން ބަލާނެއެވެ.

ޞިއްޙީ ވަޒީރު ނާޡިމް ވިދާޅުވީ، މިގޮތަށް ރަށްރަށަށް ދުންފަތުގެ އިސްތިމާލު ނުކުރާ ރަށުގެ ދަރަޖަ ކަނޑައަޅާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ޤައުމުތަކުގައި ބަލިތައް ނައްތާލާފައިވާ ކަމަށް ކަނޑައަޅާ އުސޫލާއި އެއްގޮތަށް މިނިވަން ކޮމެޓީއަކުން ރަށްރަށުގައި މިކަން ތަންފީޒުވާ މިންވަރު އެޗްޕީއޭއާއި ގުޅިގެން ބަލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިކަމަކީ އެއްވެސް ހާލަތެއްގައި އެރަށުގައި ދުންފަތުގެ އިސްތިމާލު ކުރާ މީހުން ނެތް ކަމަށް ޔަޤީންކޮށް ކަނޑައަޅައި ނިންމާ ނިންމުމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން