ކައުންސިލަރުންގެ އަދަދު މަދުކުރަށް މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައުންސިލަރުންގެ އަދަދު މަދުކުރަށް މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙު މިއަދު ވަނީ ފާސްކޮށްފައެވެ. މި އިޞްލާޙު ފާސްކުރުމާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދުވާނެއެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުއެވެ. މިއަދުގެ ޖަލްސާގައި ބިލް ފާސްކުރަން ފެނިވަޑައިގަންނަވާކަމަށް 54 މެންބަރުން ވޯޓުދެއްވިއިރު، ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މެންބަރު ފަލާޙު ހުށަހެޅުއްވި އިޞްލާޙުގައި ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީއަށް ބަލައި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން 2000 މީހުންނަށް ވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން އިންތިޚާބުކުރަން ޖެހޭނެއެވެ. އަދި އެއަށްވުރެ ބޮޑެތި އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، އަންހެނުންނަށް ޚާއްސަ ކުރެވޭ ގޮނޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ތިން ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގައި އަންހެނުންނަށް އެއް ގޮނޑި ޚާއްސަކުރަން ޖެހޭނެއެވެ. ފަސް ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގައި އަންހެނުންނަށް ދެ ގޮނޑި ޚާއްސަކުރަން ޖެހޭނެއެވެ.

އާ އިޞްލާޙުގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ވެސް މުހިންމު ބަދަލެއް ވަނީ އައިސްފައެވެ. އެގޮތުން، ކޮމިޓީގައި ފުލްޓައިމްކޮށް މަސައްކަތް ކުރާނީ ހަމައެކަނި ކޮމިޓީގެ ރައީސްއެވެ. ކޮމިޓީގެ ރައީސް ހޮވާނީ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މިއަދު އޮންލައިން