2025 ވަނަ އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ލަގަބު ލިބިފައި ވަނީ އިނގެރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ބެތެނީ ސަރާ ކާސްވެލް އަށެވެ. އޭނާ ރާއްޖެއަށް އައީ އޭނާގެ ކައިވެނީގެ ހަނީމޫން އައުޓްރިގަރ މާފުށިވަރުގައި ހޭދަކުރުމަށެވެ. މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރުވެސް މެއެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމުގެ ޚާއްސަ ރަސްމިއްޔާތެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވަނީ ބާއްވާފައެވެ.
މިދިޔަ އަހަރު ގާއިމްކޮށްފައިވާ ދެ މިލިއަން ފަތުރުވެރިޔާގެ ރެކޯޑާއެކު މިއީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ އަހަރެވެ. މިއީ އެންމެ އަވަހަށް މި ރިކޯޑު ޤާއިމްކުރެވުނު އަހަރުގެ އިތުރުން، 2024 ވަނަ އަހަރުގެ ލަނޑުދަނޑި ކަމަށްވާ 2.5 މިލިޔަން ފަތުރުވެރިންގެ އަމާޒު ޙާޞިލްކުރުމާ ކައިރިއަށް ވާސިލްވުމުގެ ފަހި ނިޝާނެކެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އިތުރުން ފަތުރުވެރިކަމާއި ވެރިކަމާއިބެހޭ ވުޒާރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ސަރުކާރުގެ އެހެނިހެން ވައްތަރުގެ މުއައްސަސާތަކުން ބައިވެރިވިއެވެ. ދެ މިލިއަން ފަތުރުވެރިޔާގެ ލަގަބު ލިބުނު ފަރާތަށް ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި، ވީއެމްސީ، ކަސްޓަމްސް، އިމިގްރޭޝަން އަދި އެހެނިހެން ސްޕޮންސަރުންގެ ފަރާތުން ހަދިޔާ އަދި ހޮލިޑޭ ވައުޗަރ ހުށަހަޅާފައިވެއެވެ.
މިދިޔަ އަހަރު ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާކިޔާފައި ވަނީ ޑިސެމްބަރު 26 ގައެވެ. މިއަހަރު އެ މުއްދަތުގެ މަހެއްހާ ދުވަސް ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ފަތުރުވެރިކަމުގެ މައިގަނޑު މާކެޓުތައް ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ކާމިޔާބީއަށް ވާސިލުވުމުގައި، ބޮޑެތި ފަތުރުވެރިކަމުގެ މައުރަޒުތަކާއި، އެކްސްޕޯ އަދި ރޯޑްޝޯވ ފަދަ ހަރަކާތްތަކުގައި ބައިވެރިވެ ކުރެވެމުންދާ މަސައްކަތްތަކުގެ ބޮޑު ހިއްސާއެއް އަދާކުރެއެވެ.
މީގެ އިތުރުން ރާއްޖޭގެ މަޝްހޫރުކަން އިތުރުވެގެން ދިޔަ ހަރަކާތްތަކުގެ ތެރޭގައި މިއަހަރު އިނގެރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ކްލަބް ލިވަޕޫލް އެފްސީއާ އެކު ގާއިމްކުރެވުނު ޕާޓްނާޝިޕް ވެގެން ދިޔައީ އެތައް މިލިއަން މީހުންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް ލިބުނު ފަހި ފުރުސަތަކަށެވެ. ވީއެމްސީން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، ޓްރޭޑް ފެއަރތަކާއި، ވިޒިޓް މޯލްޑިވްސް ވީކް ސީރީޒްގެ ހަރަކާތްތަކުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ތިބި ޓްރެވަލް އެޖެންޓުންނާއި ބައިވެރިންނާ ގުޅުން ބަދަހިވެގެން ދިޔައެވެ. މި ކާމިޔާބީގެ ފަހަތުގައި މި ކޯޕަރޭޝަނުން ކުރި މަސައްކަތްތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި، ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންގެ ގުޅިގެން ކުރި މަސައްކަތް ވަރަށް ބޮޑެވެ.