ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ ބޮޑު އިވެންޓެއް ކަމަށްވާ "ސަޅި ފެސްޓް 2025" މިއަދު ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލަކީ ޒުވާނުންނަށް އެކަކު އަނެކަކާ ބައްދަލުކޮށް، މަޖާކޮށް، އަދި އާ ހުނަރުތައް ދަސްކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
މި ފެސްޓިވަލަކީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ. ސަޅި ފެސްޓް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 27، 28، 29 ގައި މާލޭގެ ޔޫތު ހަބް، ލިލީ މަގުގައެވެ.
ފެސްޓިވަލުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ވިޔަފާރިތަކަށް ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. އެގޮތުން، މި ފެސްޓިވަލްގައި ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ޤާއިމުކުރެވިފައިވާނެއެވެ. މީގެ އިތުރުން، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި ޚާއްޞަ ވޯކްޝޮޕްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްތަކުގެ ސަބަބުން ޒުވާނުންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބައިވެރިންނަށް މަޖާކޮށްލުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން، ތިން ދުވަހުގެ މި ފެސްޓިވަލުގައި ލައިވް ޝޯތައް ވެސް ކުރިއަށްދާނެއެވެ. އަދި ހަމަ އެހެންމެ، ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސަޅި ފެސްޓަކީ ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.