އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ކުރެންދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާމިން ހަބީބު، ހުށަހެޅުއްބި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މަގުތަކުގެ ސަލާމަތްތެރިކަން އިތުރުކުރުމާއި، ދަތުރުފަތުރުގެ ޤާނޫނާއި ގަވައިދުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމެވެ. މި ބިލުގައި ވަނީ ޑީމެރިޓް ޕޮއިންޓް ސިސްޓަމެއް ތަޢާރަފުކުރުމާއި، ދިވެހިންނަށް ބޭރު ޤައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ އުސޫލުތައް ހިމަނާފައެވެ.
ބިލުގެ މުހިންމު އެއް ބަދަލަކީ ބޭރު ޤައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދިނުމެވެ. މި ބިލުގެ ދަށުން، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނަގާފައިވާ ހުރިހާ ފަރާތްތަކަށް، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް (އައި.ޑީ.ޕީ) ހޯދައިގެން ބޭރުގެ ޤައުމުތަކުގައި އުޅަނދު ދުއްވޭނެއެވެ. މީގެ އިތުރުން، ދިވެހި ލައިސެންސް ޤަބޫލުކުރާ ޤައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިޢުލާނުކުރުން ވެސް މި ބިލުގައި ލާޒިމުކުރެއެވެ. މި ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.
މި ބިލުގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް ވެސް ވަކި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، އެމީހަކު 90 ދުވަހަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ދިރިއުޅޭނަމަ، ދިވެހިރާއްޖޭގެ އުސޫލުތަކާ އެއްގޮތަށް ލައިސެންސް ނަގަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މަގުތަކުގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، މި ބިލުން ވަނީ ލައިސެންސް ޑީމެރިޓް ސިސްޓަމެއް (ޑީ.އެމް.އެސް) ތަޢާރަފުކުރުމަށް ހުށަހަޅާފައެވެ. މި ޤާނޫނާއި އޭގެ ދަށުން ހަދާ ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުގެ ލައިސެންސުން ޕޮއިންޓު އުނިކުރެވޭނެ އިންތިޒާމު ފުލުހުންގެ ބެލުމުގެ ދަށުން ހަމަޖައްސަން ޖެހެއެވެ. މި ސިސްޓަމް، ބިލު ޤާނޫނަކަށްވުމަށްފަހު ދެ އަހަރުގެ ތެރޭގައި ހިންގަން ފަށަން ޖެހޭނެއެވެ. ޕޮއިންޓު އުނިކުރާ ވަގުތުން ލައިސަންސްގެ ވެރިފަރާތަށް އެކަން އެނގޭނެ ގޮތް ހަމަޖެއްސުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ޑީމެރިޓް ޕޮއިންޓުތައް އިތުރުވެގެން ލައިސެންސް ބާތިލުކުރެވޭނެ އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. ލައިސެންސް ހިފެހެއްޓި ނުވަތަ ބާތިލުކުރެވިއްޖެނަމަ، ދައުލަތުގެ އިދާރާތަކަށް އެކަން އެނގޭނެ ގޮތް ހަދަން ޖެހެއެވެ. އަދި ލައިސެންސް ބާތިލުކުރެވޭ ފަރާތްތަކަށް އަލުން ލައިސެންސް ދޫކުރެވޭނީ މިނިސްޓްރީން ހިންގާ 'ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމް' އިން ފާސްވުމަށްފަހުގައެވެ. މީގެ އިތުރުން، 5,000 ރުފިޔާއަށްވުރެ މަތީގެ ޖޫރިމަނާއެއް ކުރެވޭ ހާލަތްތަކުގައި ވެސް ލައިސެންސް ހިފަހައްޓާ، ބާތިލުކުރުމުގެ ބާރު ބިލުން ދީފައިވެއެވެ.
ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަގޮތަކަށް ދުއްވައިގެން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަން މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ އެކްސިޑެންޓެއްގައި މީހަކަށް އަނިޔާއެއް ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް، އެއްވެސް އަނިޔާއެއް ވެއްޖެނަމަ 5 އަހަރާ 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ޖަލު ހުކުމާއެކު ލައިސަންސް ބާތިލުވާނެ ކަމަށާއި ލައިސަންސް އަލުން ދޫކުރެވޭނީ ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު ވުޒާރާއިން އެކަމަށް ޚާއްސަކޮށްގެން ހިންގާ ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.
ޑީމެރިޓް ޕޮއިންޓުތައް އުނިކުރުމުގެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ޑީމެރިޓް ޕޮއިންޓެއް ރިކޯޑުކުރެވޭތާ ދެ އަހަރުގެ ތެރޭގައި އެމީހެއްގެ ފުށުން އިތުރު ކުށެއް ނުފެންނަނަމަ، ރިކޯޑުކުރެވިފައިވާ ހުރިހާ ޕޮއިންޓެއް އުނިކުރެވޭނެއެވެ. އަދި ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމުން ފާސްވާ ފަރާތްތަކުގެ ޕޮއިންޓުތައް ވެސް އުނިކުރެވޭނެއެވެ.
ޓްރެފިކް ފުލުހުން މީހެއްގެ ލައިސެންސް ހިފަހައްޓައިފިނަމަ، ޖޫރިމަނާ ދެއްކުމުގެ އިންތިޒާމު ރަސްމީ ބަންދު ދުވަސްތަކުގައި ހަމަޖެހިފައިނުވާ ހާލަތްތަކުގައި، ލައިސެންސްގެ ބަދަލުގައި 48 ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރެވިދާނެކަމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.