ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާ: މާލީ ވަޒީރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ، އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި ބަދަލަކީ، ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ތާއީދެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މޫޑީޒްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާލީ ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުން އިޤްތިޞާދު ކުރިއެރުވުމަށް އެޅުއްވި ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ޑޮލަރުގެ އާމްދަނީ އިތުރުވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ވަރުގަދަކޮށް، ބަޖެޓް މެނޭޖްކުރުންވެސް ހަރުދަނާކުރެވިފައިވާކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. މިކަންކަމާއެކު އިޤްތިޞާދަށް އޮތް ނުރައްކާތައް ކުޑަކުރެވި، ރާއްޖޭގެ އިޤްތިޞާދަށް އޮންނަ އިތުބާރުވެސް ބޮޑުކުރެވިފައިވާކަމަށާއި، މޫޑީޒްއިން ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމަކީ އޭގެ ހެއްކެއްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒުހުރީ މާލީ ހާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދަރަނި އަދާކުރުމުގެ ކަންކަން އިންތިޒާމްކޮށް، ޤައުމަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދިނުމަށްކަމަށެވެ. މި ބަދަލާއެކު، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލަށް އޮތް އުންމީދު އިތުރުވެ، ބައިނަލްއަޤްވާމީ މާލީ މާކެޓްގައި ރާއްޖެއަށް އޮންނަ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން