ރާއްޖޭގައި ބިދޭސީން ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރާއްޖޭގައި ބިދޭސީން ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އެދިއްޖެ

ރާއްޖޭގައި ބިދޭސީން ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އާންމުންގެ އެހީތެރިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.

މިފަދަ ވިޔަފާރިތައް މައިގަނޑު ދެ ގޮތަކަށް ހިންގަމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރެއެވެ. އެއް ގޮތަކީ، ލައިސަންސާއި ހުއްދަ ހޯދުމަށް ދިވެހިން އިސް ސަފުގައި ބޭނުންކުރިއަސް، ވިޔަފާރި ހިންގުން މައިގަނޑު ގޮތެއްގައި ބިދޭސީން ކޮންޓްރޯލްކުރާ ވިޔަފާރިތަކެވެ. އަނެއް ގޮތަކީ، ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ބިދޭސީންނަށް މަނާކޮށްފައިވާ ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވުމެވެ.

ގާނޫނާ ހިލާފު މިފަދަ ހަރަކާތްތަކަށް ހައްލު ހޯދުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން، ފޮރިން އިންވެސްޓްމަންޓު ގާނޫނަށް ބަދަލުތަކެއް ގެނެސް ސެޕްޓެމްބަރު 3، 2024 ގައި ޝާއިއުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ބަދަލުތަކުގެ ސަބަބުން ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް އިތުރު ބާރު ލިބިގެންދާނެއެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާނަމަ، އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް، ނުވަތަ 3333199 އަށް ގުޅައިގެން، ނުވަތަ އިމުގަ (IMUGA) ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މިނިސްޓްރީން ބުނެފައިވަނީ އާންމުން ފޮނުވާ މި މައުލޫމާތުތައް ފޮނުވޭނީ ގާނޫނާ ހިލާފަށް ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަކޮށްފައިވާ ގައުމީ ޓާސްކް ފޯހަށެވެ. މި ޓާސްކްފޯހުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ، ޕޮލިސް، އިމިގްރޭޝަން އަދި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތައް ވެސް ހިމެނެއެވެ. 

މިއަދު އޮންލައިން