މާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ނ. މާފަރު ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މީގެއިތުރުން، މާފަރުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މި މަރުކަޒުގެ ޚިދުމަތްތައް ވަނީ ރަސްމީކޮށް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، 24 ގަޑިއިރުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

ސިއްޙީ މަރުކަޒަށް އިތުރުކުރާ މި އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ އައު އިމާރާތުގައި މުހިންމު ދެ ޚިދުމަތެއް ހިމެނޭނެއެވެ. އެއީ ޒަމާނީ ފެންވަރުގެ ލެބޯޓްރީ (ލެބް) ޚިދުމަތާއި އެކްސްރޭގެ ޚިދުމަތެވެ.

މި ޚިދުމަތްތައް މާފަރުގައި ޤާއިމުވުމަކީ 1335 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގެ ރައްޔިތުންނަށް ސިއްޙީ ފަރުވާ ހޯދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. ކުރިން ފަރުވާ ހޯދުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު މި ޚިދުމަތްތަކުގެ ސަބަބުން ކުޑަވެ، ރަށުތެރެއިން ޒަމާނީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.

މާފަރު ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައްޔިތުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެކެވެ. މީގެ ކުރިން މި މަރުކަޒުން ޚިދުމަތް ދެމުން އައީ ދުވާލަކު އެންމެ 16 ގަޑިއިރަށެވެ. މި ބަދަލާއެކު، ކޮންމެ ވަގުތެއްގައިވެސް ކުއްލި ފަރުވާގެ ބޭނުންޖެހޭ ފަރާތްތަކަށް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔައީއެވެ.

މި މަޝްރޫޢަކީ ނ. މާފަރުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެކެވެ.

މިއަދު އޮންލައިން