އެމްއޭސީއެލް އިން ސީނެކްސް ޕްރޮގްރާމް އިފްތިތާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެމްއޭސީއެލް އިން ސީނެކްސް ޕްރޮގްރާމް އިފްތިތާކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ޑިޖިޓަލައިޒްކޮށް، އޮޕަރޭޝަނަލް ކަންކަން ހަރުދަނާކުރުމަށްޓަކައި، މުހިންމު ޕްރޮގްރާމެއް ކަމަށްވާ ސީނެކްސް މިއަދު އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ޤައުމީ މަސައްކަތަށް އެމްއޭސީއެލް އިން ދެމުންދާ އެއްބާރުލުމުގެ ދަށުން ފެށިފައިވާ މަސައްކަތެކެވެ.

ސީނެކްސް ޕްރޮގްރާމް އިފްތިތާޙްކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެމްއޭސީއެލްގެ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހީމް މަހުދީއެވެ. މި އިނިޝިއޭޓިވްގެ މަޤްޞަދަކީ އެއަރޕޯޓްގެ މަސައްކަތްތައް ޒަމާނީ ފެންވަރަކަށް ގެނެސް، ދޭދޭ މުޢާމަލާތްތައް ފަސޭހަކުރުމެވެ.

އެމްއޭސީއެލް އިން ހާމަކުރައްވާފައިވާ ގޮތުގައި މި ސްޓްރެޓީޖިކް މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ވިޝަންއާ އެއްގޮތަށް ފެށިފައިވާ މަސައްކަތެކެވެ.

މިކަމާ ގުޅިގެން އެ ކުންފުނިން ބުނެފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ 'މޯލްޑިވްސް 2.0' ވިޝަންއާ އެއްގޮތްވާ ސްޓްރެޓީޖިކް މަސައްކަތެއް ކަމަށްވާ ސީނެކްސް (ސިނަރޖީ އެކްސްޗޭންޖް) ކާމިޔާބުކަމާއެކު އިފްތިތާޙްކޮށްފައި ކަމަށާއި މިއީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކުރިއެރުވުމާއި، އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމަށް ވެފައިވާ ވަޢުދު އިތުރަށް ހަރުދަނާކޮށްދޭނެ ކަމެއްކަމަށެވެ.

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް ޑިޖިޓަލައިޒްކުރުމަކީ ރައީސް މުޢިއްޒުގެ ޚާއްސަ ސިޔާސަތެއް ކަމަށްވާއިރު، އެމްއޭސީއެލްގެ މި މަސައްކަތަކީ އެ ސިޔާސަތަށް ދެވުނު މުހިންމު އެއްބާރުލުމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން އެއަރޕޯޓްގެ އޮޕަރޭޝަންތަކުގައި ހަލުވިކަމާއި ފަސޭހަކަން އިތުރުވެ، ޚިދުމަތްތަކުގެ އެފިޝަންސީ މަތިވެގެން ދާނެކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން