ޢިބްރަތްތެރި ވާހަކަ: ދެބަފައިންނަށް ހެޔޮކޮށް ހިތުމުގެ އަގަކަށް 20 އަހަރު ހަގު ޒުވާނަކު އާދޭސްކޮށްގެން ކައިވެނިކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ޢިބްރަތްތެރި ވާހަކަ: ދެބަފައިންނަށް ހެޔޮކޮށް ހިތުމުގެ އަގަކަށް 20 އަހަރު ހަގު ޒުވާނަކު އާދޭސްކޮށްގެން ކައިވެނިކުރި އަންހެނެއްގެ ވާހަކަ-

އަޅުގަނޑަކީ އެކަނި ދިރިއުޅެމުން އައި އަންހެނަކީމެވެ. މައިންބަފައިން ނިޔާވުމުން ގެންގުޅުނީ ބޮޑުދައިތައެވެ. ބޮޑުވެ ވަޒީފާއެއް ލިބުނުތަނާހެން ބޮޑުދައިތަ ނިޔާވީމާ އޭނާގެ ދަރިން އަހުރެން ގެންގުޅެން ބޭނުންނުވީއެވެ.  

އެދުވަސްވަރު ބައްދަލުވި ފިރިހެނަކާ ކައިވެނިކުރީމެވެ. އޭނާއާއިއެކު ދިރިއުޅެވުނީ އަހަރެއްހައި ދުވަހުއެވެ. ވަރިކޮށްފައި ފޮނުވައިލީއެވެ. އެދުވަހު ވަންނާނެ ތަނަކާއިމެދު ވިސްނަން އޮފީހުގައި އިންދައި އަޅުގަނޑަށް އެހީތެރިވީ އޮފީހުގައި މަސައްކަތްކުރާ ޢުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭނާ އަޅުގަނޑު ގެންގުޅޭނެ ކަމަށް ބުނުމުން އޭނާގެ ގޭގައި އުޅެންފެށީމެވެ.  

އެގޭގައި އުޅުނީ އެމީހާއާއި އޭނާގެ ފިރިހެން ދަރިފުޅާއި އަޅުގަނޑެވެ. އެއީ އެއިރު ކުޑަކުއްޖެކެވެ. އަޅުގަނޑަށް އެއިރު 33 އަހަރެވެ. އޭނާއަށް 13 އަހަރެވެ. ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެކެވެ. އެހެންވެ އަމިއްލަ ދަރިއަކަށް ހެޔޮކޮށްހިތާނެ ފަދައިން ހެޔޮކޮށްހިތީމެވެ.  

އެގޭގައި ހުރެ 2 ވަނަ ކައިވެނިކުރީމެވެ. ކައިވެނިކުރީމާވެސް އެގޭގެ ބޭބެ ބުނީ އެގޭގައި ހުރުމަށެވެ. ފިރިމީހާގެވެސް އަމިއްލަ ގެދޮރު ނެތުމުން ތަނެއް ކުއްޔަށް ހިފައިގެން ދާންޖެހޭނެތީ ނުގޮސް އެގޭގައި އުޅުމަށެވެ. އެއީ އަޅުގަނޑުގެ ކިބައިން އެދެބަފައިންނަށް ލިބޭ ޚިދުމަތުގެ ސަބަބުންކަމަށް ޤަބޫލުކުރެވެއެވެ. އަޅުގަނޑުގެ ހުރި ނިކަމެތިކަން ވިސްނޭތީ އުޅެނީ ދެބަފައިންނަށް ވަރަށް ބޮޑަށް ހެޔޮކޮށްހިތައިގެންނެވެ.  

ކޮންމެއަކަސް އެޒުވާނާ 30 އަހަރުގައި ކައިވެނިކުރިއެވެ. އޭނާގެ އަނބިމީހާއަށްވެސް އުޚުތެއް ފަދައިން ކަންތައް ކުރީމެވެ. ކައިވެންޏަށް 2 އަހަރުވީތަނާ ތަނަވަސް މީހަކު ލިބުމުން ވަރިވެގެންދިއައީއެވެ. ޖެހިގެން އައި އަހަރު އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކޮށްފައި ހިނގައްޖެއެވެ. 2 ދަރިންވެސް ލިބިފައިވަނިކޮށެވެ. އޭނާ ނުބުނި ނަމަވެސް ސަބަބު އެނގެއެވެ. އޭނާގެ ފުރަތަމަ ލޯބިވެރިޔާގެ ކައިވެނިރޫޅި ދެމީހުންނަށް ކައިވެނިކުރެވޭނެ ގޮތް މެދުވެރިވީމާ އޭނާއާއި ކައިވެނހިކުރަން ބޭނުންވީއެވެ. އަނެއްކާވެސް އެކަނިވީއެވެ.  

އަޅުގަނޑު އެކަނިވިތާ 5 ވަނަމަހު އެއްރޭ ކައިނިމިގެން ސިޓިންގރޫމްގައި ތިބެފައި ދަރިއެއް ފަދައިން އަޅުގަނޑު ގެންގުޅުނު އެގޭގެ ޒުވާނާ ބުންޏެވެ. "މިވާހަކަ ބުނީމާ އަހުރެން މިހުރީ ސިކުނޑި ގޯސްވެފައިކަމަށްވެސް ހީކުރެވިދާނެއެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ނެތެވެ. އަހުރެންގެ ވިސްނުން ފުރިހަމައެވެ. އަހުރެން ދައްކާ ވާހަކައަކަށް ނުރުހުނަސް މިގެއިން ނުކުމެގެން ނުދާނެކަމަށް ހުވާކުރާށެވެ. އެވާހަކަ ބުނާނީ އެއިރުންނެވެ."

އެހެންބުނީމާ ވިސްނައިލީމެވެ. އެއީ ގެއަށް އައިސްގެން އުޅޭ އޭނާގެ އެކުވެރިއަކު އަހުރެންގެ ފަހަތުން ވިއްދައިގެން އުޅޭކަން ފާހަގަކުރެވޭތީއެވެ. ހީކުރީ އޭނާގެ ފަރާތުން ބަހެއް ބުނަން އުޅެނީ ކަމަށެވެ. އެހެންވެ ބުނީމެވެ. "ތިއަ ދެބަފައިން ދޫކޮށްލާފައި މިގެއަކުން ދުވަހަކުވެސް އަމިއްލައަކަށް ނުދާނަމެވެ. ކޮއްކޮގެ ބައްޕައަކީ މިދައްތައަށްޓަކައި ބައްޕައެކެވެ. ތިއައީ ކޮއްކޮއެވެ. އެއްޢާއިލާއެއް ގޮތަށް އުޅޭތާ 20 އަހަރަށްވުރެ ގިނަވީއެވެ."  

ޖަވާބުގައި އޭނާ ބުންޏެވެ. "ތިއަވީ ވަޢުދު (ގެއިން ނުދާނެކަމަށް) އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. އެކަން ޔަޤީންކޮށްގެންހުރެ މިބުނަނީއެވެ. ދެން ކޮއްކޮ ކިޔުން ހުއްޓައިލާށެވެ. ބޭނުންވަނީ ކައިވެނިކުރާށެވެ."  

ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ބުނީމެވެ. ޢުމުރުން 20 އަހަރު ތަފާތެވެ. މިއީ ތިއަކުއްޖާއާއި އަޅައިބަލާއިރު ބޮޑު މުސްކުޅިއެކެވެ. އިހަށްދުވަހާއި ޖެހެންދެން ތިއަ ގެންގުޅުނީ ޒުވާން އަންތބެކެވެ. ވީމާ އަހުރެން ކަމުދާނީ ކިހިނަކުން ހެއްޔެވެ؟ އެކަމަކުވެސް ނޫނެކެވެ ނުބުނަމެވެ. އެދެނީ އަދި ރަނގަޅަށް ވިސްނައިލުމަށެވެ. ކުއްލިއަކަށް އަންނަ ތިއަބާވަތުގެ ޚިޔާލުތަކަށް ޢަމަލުކުރީމާ ފަހުން ދެރަވާންޖެހިދާނެއެވެ. އެއިރުން އޮންނާނީ މިގެއިންވެސް ދާންޖެހިފައެވެ. އެއިރުން މާދެރަވާންޖެހޭނެއެވެ. އަހުރެންގެ ނަޞީހަތަކީ އަދި ކައިވެނިކުރާނެ ރަނގަޅު ކުއްޖަކު ހޯދުމެވެ. އަހުރެން މިގޮތުގައި މިމަޤާމުގައި ބެއިންދުމެވެ."  

އެވަރަށް ބުނުމުންވެސް އޭނާ ދުލެއް ނުކުރިއެވެ. ބައްޕަގެ ގާތުގައިވެސް އެވާހަކަ ދައްކައި ހުއްދަ ހޯދީއެވެ. ބައްޕަވެސް ރުހުންދިނީ އެތައް ދުވަހަކު ނަޞީޙަތް ދިނުމަށްފަހުއެވެ. އެހިސާބުން އަޅުގަނޑުވެސް ރުހި ކައިވެނިކުރީއެވެ. އަޅުގަނޑުވެސް ފެންނަނީ ޢުމުރަށްވުރެ ސިފަ ހަގުކޮށެވެ. އެހެންވެ އެކުގައި ބޭރަށްގޮސް އުޅުނަސް ފެންނަ މީހުން އެހައި ބޮޑަށް އަޅައެއް ނުގަނެއެވެ. 

އެކައިވެނީގައި މިހާރު 15 އަހަރުވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާގެ ކިބައިން ފެންނަނީ ލޯބިއިތުރުވަމުން އަންނަތަނެވެ. އަޅުގަނޑަށް ބުނެވެން އޮތީ މިއީ އެދެބަފައިންނަށް ހެޔޮކޮށް ހިތުނު ކަމުގެ އަގުކަމަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން