ނ.އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގެ ޚިދުމަތް އިފްތިތާހިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނ.އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގެ ޚިދުމަތް އިފްތިތާހިކޮށްފި

ނ. އަތޮޅު ހޮސްޕިޓަލްގައި އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށް، އެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ފެށުމަކީ އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ގޮތުން ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. މިކަމަށްޓަކައި އެރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ނ. އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. މި ޚިދުމަތް ފެށުމާއެކު، ނ. އަތޮޅުގެ ބަލިމީހުންނަށް އިތުރަށް ފަރުވާދޭން ޖެހިއްޖެ ހާލަތްތަކުގައި މާލެއަށް ނުވަތަ އެހެން ބޮޑެތި ހޮސްޕިޓަލްތަކަށް ދަތުރުކުރުމުގެ ބުރަ ކުޑަވެގެންދާނެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އެލްއެމްއެސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށްފަހު މިހާރު ވަނީ އައިސީޔޫގެ ޚިދުމަތް ރަސްމީކޮށް ފެށިފައެވެ.

ނ. އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ރަށުގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ނ. އަތޮޅުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން