ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގޮތަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 49ސ
ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގޮތަށް ނިންމައިފި

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް، ކުރިން ކައުންސިލާ ހަވާލުކޮށްފައި އޮތް ނަމަވެސް، އެ މަސައްކަތް މިހާރު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ. މި ނިންމުމަކީ ޔުނިޓުތައް ދޫކުރުމުގައި ދިމާވެފައިވާ ގާނޫނީ އަދި އިދާރީ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

މިދިޔަ ސަރުކާރުގެ ދަށުން، ތުޅާދޫގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައެޅި އުސޫލާ އެއްގޮތަށް، ފޯމުތައް އިވެލުއޭޓުކުރުމާއި ޔުނިޓު ހަވާލުކުރުމުގެ ހުރިހާ ކަމެއް ހަވާލުކުރެވިފައިވަނީ ތުޅާދޫ ކައުންސިލާއެވެ. ނަމަވެސް، މި މަސައްކަތް ކުރިއަށްދިޔަ ގޮތާ ގުޅިގެން ގާނޫނީ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ކޯޓުން ވަނީ ހައުސިންގ ޔުނިޓު ދޫކުރުމަށް ކައުންސިލުން އިސްލާހުކުރި އުސޫލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅާފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ކައުންސިލުން ޝާއިއުކުރި ވަގުތީ ލިސްޓަކީވެސް ބާތިލު ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުނު މައްސަލައިގައި، ކޯޓުން ހުކުމްކޮށްފައިވަނީ ކުރިން އާންމުކޮށްފައިވާ އުސޫލަށް ގެނެސްފައިވާ ބަދަލަކީ ޝަރުއީ އަދި ޤާނޫނާ ޚިލާފު ބަދަލެއް ކަމަށެވެ. އެހެންކަމުން ވުޒާރާއިން ދިން ލަފާ އާއި 2022 ވަނަ ދުވަހު އާންމުކުރި އުޞޫލަށް ޢަމަލުކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. ނަމަވެސް، އޭގެ ފަހުންވެސް އެކި މައްސަލަތަކާ ހެދި ހައުސިންގ ޔުނިޓުތައް ދޫކުރެވޭ ގޮތެއް ނުވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް ފުރުޞަތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ވުޒާރާގެ އަމާޒަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ތުޅާދޫގެ 100 ހައުސިންގ ޔުނިޓު ޙައްޤުވެރިންނަށް ޙަވާލުކުރުން ކަމަށްވެސް ވިދާޅުވިއެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން އިޢުލާނުކޮށްފައިވާ ދާއިމީ ލިސްޓު ބާޠިލުކުރުމަށްފަހު، 11 މެއި 2022 ވަނަ ދުވަހު ޢާންމުކޮށްފައިވާ އުޞޫލާއި ވުޒާރާއިން ރިޢާޔަތްކުރުމަށް އަންގާފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ފޯމުތައް ރީ-އިވެލުއޭޓްކުރުމަށްފަހު އަންގައިދިނުމަށް ކައުންސިލްގައި އެދިފައިވާކަމަށް ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް، ކައުންސިލް އިދާރާއިން މި މައްސަލަ އަވަހަށް ޙައްލުކުރުމަށްޓަކައި އެއްބާރުލުން ދީފައިނުވާކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު" ގެ ދަށުން ހައުސިންގ ޔުނިޓުގެ ބެނިފިޝަރީން ކަނޑައެޅުމަށްޓަކައި ތުޅާދޫ ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތްތަކާއި އަދި އެންމެހާ މަސައްކަތްތައް ނިމުމަކަށް ގެނެސްފައެވެ.

މިހާރު ނިންމާފައިވާ ގޮތަށް، ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ވުޒާރާއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ އުސޫލާ އެއްގޮތަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައިކަމަށާއި، ފޯމުތައް އިވެލުއޭޓްކުރުމާއި، ހައުސިންގ ޔުނިޓުތައް ޙަވާލުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދާނީ ވުޒާރާއިން ކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ ތުޅާދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން