ލަންކާއަށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް ތައުޒިޔާވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލަންކާއަށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް ތައުޒިޔާވިދާޅުވެއްޖެ

ސްރީލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ހިތާމަވެރި ހާދިސާތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ހާދިސާތަކުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް މުޢިއްޒު މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްރީލަންކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ހިތާމަވެރި ގެއްލުންތަކާއި، މީހުން މަރުވުމާއި، ޢިމާރާތްތަކަށް ލިބުނު ގެއްލުންތަކާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސްރީލަންކާއަށް އެއްބައިވަންތަކަން ހާމަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ: "މި ހިތާމައިގެ ވަގުތުގައި ދިވެހި ރައްޔިތުން ތިބީ ސްރީލަންކާއާއެކު ފުރިހަމައަށް އެއްބައިވަންތަކަން ހާމަކޮށްގެންނެވެ. އަޅުގަނޑުމެންގެ ހިތުގެ އިޚްލާސްތެރި ތަޢުޒިޔާ މިވަނީ މިކަމުގެ އަސަރުކުރި ހުރިހާ ފަރާތްތަކަށް ވެސް."

ސްރީލަންކާގެ މޫސުމަށް އައިސްފައިވާ މި ބަދަލުތަކުގެ ސަބަބުން އެ ޤައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ ޤައުމަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެހުނު އެންމެ ގިނަ ވާރޭގެ މިންވަރެވެ.

 

މިއަދު އޮންލައިން