ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް އިމްޕޯޓުކުރުމަށް 2000 މީހުންނަށް ހުއްދަދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް އިމްޕޯޓުކުރުމަށް 2000 މީހުންނަށް ހުއްދަދީފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް އިމްޕޯޓުކުރުމަށް 2000 މީހުންނަށް ހުއްދަ ދޫކޮށްފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

ރާއްޖެއިން ބޭރުން ގަސްގަހާއި ގެހި އެތެރެކުރުމުގެ ކަންކަން ހަރުދަނާކުރުމަށް މިހާރު ވަނީ ޚާއްސަ ހުއްދައެއްގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ރާއްޖެއިން ބޭރުކޮށް އެތެރެކުރެވޭނީ އެ ވުޒާރާއިން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މިގޮތުން ރާއްޖެއިން ބޭރުން ގަސް އިމްޕޯޓްކުރުމަށް މިހާތަނަށް 2000 ފަރާތަކަށް ހުއްދަ ދީފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ގަސްގަހާއި ގެހި އެކްސްޕޯޓުކުރުމަށް 3 ފަރާތަކަށް ހުއްދަ ދީފައިވާއިރު، ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށްވެސް 3 ފަރާތަކަށް ހުއްދަ ދީފައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ރުކާއި ރުކުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދިޔުމުގައި ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެ ވުޒާރާއިން ވިދާޅުވީ، ރުކާއި ރުކުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދިޔުމަށް ހުއްދަ ދެވޭނީ ނުރައްކާތެރި ޕެސްޓެއްކަމުގައިވާ ހިސްޕިޑް ބީޓަލް ނޫޅޭ ރަށްތަކަށް އެކަނިކަމަށެވެ. މި އުސޫލުގެ ދަށުން މިހާތަނަށް 28 ފަރާތަކަށް ވަނީ ހުއްދަ ދޫކުރެވިފައެވެ.

ދިވެހިރާއްޖެއިން ބޭރުކުރެވޭ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ބޭރުކުރެވޭނީ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނު ޔުނިޓުން ދޫކުރާ ފައިޓޯ ސެނިޓަރީ ސެޓްފިކެޓްއާއެކުގައެވެ. ހަމައެހެންމެ، ރާއްޖެއިން ބޭރުން ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

މިއަދު އޮންލައިން