ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ދަޢުވާ ކުރި މީހާ، ހ.ލައިޓްނައިޓް އިސްމާއީލު ޔާސިފުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ޙުކުމް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ބުދަ ދުވަހުއެވެ. މީނާގެ މައްޗަށް މި ހުކުމް އިއްވީ ޓެރަރިޒަމާ ގުޅުންހުރި ތިން ދަޢުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.
ޔާސިފުގެ މައްޗަށް މި ދަޢުވާ ސާބިތުވީ، އޭނާ 2021 ވަނަ އަހަރު ސޯޝަލް މީޑިޔާގައި އާއްމުކުރި ޕޯސްޓެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލާނެކަމަށް އިންޒާރުދިނުމާ ގުޅިގެންނެވެ. މި އިންޒާރު އޭނާ ދީފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުއެވެ. މީގެ އިތުރުން، ފުލުހުންގެ ތަހުގީގުގެ މަރުހަލާގައި އަދި ކޯޓުގައިވެސް ޔާސިފުވަނީ އެ އިންޒާރު ތަކުރާރުކޮށްފައެވެ.
މި މައްސަލާގައި ދައުލަތުން ޔާސިފުގެ މައްޗަށް އުފުލާފައިވަނީ ޖުމްލަ ތިން ދަޢުވާއެވެ. އެއީ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޒާރުދިން ކަމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމުގެ އަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާއާއި، އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
ކޯޓުން ވަނީ މި ތިން ދައުވާވެސް ޔާސިފުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެގޮތުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމަށް ބުނެ އިންޒާރު ދިން މައްސަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވިއެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ފަސް އަހަރުގެ ހުކުމެއް އިއްވިއިރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާކަން ސާބިތުވުމާ ގުޅިގެން ދެ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މި ހުކުމްތައް ޖުމްލަކޮށް 10 އަހަރުގެ ޖަލު ހުކުމެއް ޔާސިފުގެ މައްޗަށް އިއްވާފައިވަނީ މިހެންނެވެ.