މިލަދުންމަޑުލު ދެކުނުބުރީ ނ.ވެލިދޫގެ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، މިހާރު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވެލިދޫއަށް ޒިޔާރަތްކުރެއްވި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމްއެވެ.
ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޚިދުމަތް ފެށުމާއެކު، ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމެއް ނެތި، ރަށުން އެކްސްރޭގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ރަށުގެ ސިއްޙީ ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
މި ރަސްމިއްޔާތުގައި، އެކްސްރޭގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމްއަށް ވަނީ ޚާއްސަ ޕްލާކެެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވެލިދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި، އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސިއްޙީ ވަޒީރުގެ މި ދަތުރުފުޅަކީ ނ. އަތޮޅުގެ ރަށްތަކުގެ ސިއްޙީ ޙާލަތު ބައްލަވާލައްވައި، ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ފެށުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.