ލަންކާއަށް އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ރާއްޖެއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ލަންކާއަށް އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ރާއްޖެއިން ނިންމައިފި

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފައިސާގެ އެހީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 (ފަންސަވީސް ހާސް) ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، "ޑިޓްވާ" ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަޤްސަދުގައެވެ. މި އެހީގެ ސަބަބުން ވިއްސާރައިގެ އަސަރުކޮށްފައިވާ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާނާގެ ބޭނުންތައް ފުއްދުމަށް ބޮޑު އެހީއަކަށް ވާނެކަމަށް ބެލެވެއެވެ.

ދިވެހި ސަރުކާރުން ސްރީލަންކާއަށް ފޯރުކޮށްދޭ މި އެހީތެރިކަމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ސްރީލަންކާގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ރަމްޒުކޮށްދޭ ކަމެކެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ އަވަށްޓެރި ޤައުމެވެ.

މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް ރާއްޖެއިން އުއްމީދުކުރެއެވެ. މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުމުގެ މުހިންމުކަމެވެ.

މިއަދު އޮންލައިން