މި އަހަރު ޖެހިޖެހިގެން 40 ހަފްތާ ވަންދެން ބަޖެޓު ސަރޕްލަސްގައި ހިފެހެއްޓިފައި: ވަޒީރު ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
މި އަހަރު ޖެހިޖެހިގެން 40 ހަފްތާ ވަންދެން ބަޖެޓު ސަރޕްލަސްގައި ހިފެހެއްޓިފައި: ވަޒީރު ޒަމީރު

މި އަހަރު ޖެހިޖެހިގެން 40 ހަފްތާ ވަންދެން ދައުލަތުގެ ބަޖެޓު ސަރޕްލަސްގައި ހިފެހެއްޓިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ޒަމީރު މިހެން ވިދާޅުވީ ކުދި ވިޔަފާރިތަކަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތަކުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، އަހަރުން އަހަރަށް ލިބެމުންދާ ޓެކްސްގެ އާމްދަނީ އިތުރުވަމުންދެއެވެ. "މިއީ މުޅި ޤައުމުގެ މާލީ ދެމެހެއްޓެނިވި ކަމަށާއި އަސާސީ ޢާންމު ޚިދުމަތްތަކާއި ތަރައްޤީގެ ޕްރޮގްރާމްތަކަށް ފައިސާ ހޯދުމަށްވެސް ލިބޭ މުހިންމު އެހީތެރިކަމެއް" ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރެއިން ބޮޑު އާމްދަނީއެއް ލިބެނީ، ދިވެހި އެމްއެސްއީތަކުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލީ ހާލަތު ރަނގަޅުވަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު ޖީ.ޑީ.ޕީގެ 9.9 ޕަސެންޓްގައި ހުރި ދައުލަތުގެ ދަރަނި މިއަހަރުގެ ނިޔަލަށް 5.5 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން، 2021 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހި، ދަޢުލަތުގެ ޚަރަދުތައް ފާސްކުރެވިފައިވާ ބަޖެޓުގެ ތެރޭގައި ހިފެހެއްޓިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީތައް ހާސިލްކުރެވުނު ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވަޒީރު ޒަމީރު ވިދާޅުވީ، ކޭޝްފްލޯ މެނޭޖްމަންޓް ވަރުގަދަކޮށް، އިސްރާފުކުރުމާއި، ބޭކާރު ދަތުރުފަތުރުގެ ހޭދަތަކާއި މަރާމާތުގެ ހޭދަތައް ކުޑަކޮށް، އަދި ލޯނުތައް އަދާކުރުން ކަށަވަރުކޮށްގެންކަމަށެވެ. މާލީ ހާލަތު ރަނގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ނަގުދު ފައިސާ ފުރަތަމަ ފަހަރަށް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބޮޑުވުމަކީ މުސްތަޤްބަލުގައި ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށެވެ. މާލީ ދާއިރާއިން ލިބެމުންދާ މި ކުރިއެރުންތައް މޫޑީސްގެ ނަތީޖާއިންވެސް ފެންވަމުންދާކަން ވަޒީރު ޒަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން