މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ހީނަރުކޮށް ކަމަށާއި، ވިޔަފާރިވެރިން ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށް އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ހާލަތުގައި ރާއްޖޭގެ ސްކޫލުތަކާއި ހޮސްޕިޓަލްތައް މޯގޭޖްކޮށް، ރާއްޖޭގެ ރޭޓިން އޮތީ ވަރަށް ބޮޑަށް ދަށުގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއިއެކު ކުރެއްވި މަސައްކަތުން މިކަން ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވަނީ މޫޑީސްއިން ރާއްޖޭގެ އައުޓްލުކް ސްޓޭބަލް ކަމަށް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. " މޫޑީސްއިން ރާއްޖޭގެ އައުޓްލުކް ސްޓޭބަލް ކަމަށް ވަނީ ކަނޑައަޅާފައި. މިއީ، ކުދި ވިޔަފާރިތަކާއި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް އަދި ލިބޭ ޔަޤީން ކަމެއް. ވިޔަފާރިތަކަށް ބޭނުންވަނީ، މި ޔަޤީންކަން. އިޤްތިޞާދު އޮތް ޑިޕްރެޝަނުން ސްޓެބިލިޓީއަކަށް އައިކަން އެ އިޢުލާނުކުރީ" އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވިޔަފާރިތަކަށް ބޭނުންވާ ޔަޤީންކަން މިހާރު ލިބިފައިވާކަމުގެ ހެއްކަކީ މިއީ ކަމަށެވެ.
ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކުމަށް ޚާއްސަކޮށްފައިވާ 'އޮތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް ރާއްޖޭގެ 400 ވިޔަފާރިއަކަށް މި ދެ އަހަރުގެ ތެރޭގައި 50 މިލިއަން ރުފިޔާ ބީސީސީން ފޯރުކޮށްދީފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ރައީސްގެ މެނިފެސްޓޯގައި ހިމެނޭ، ޕޭޕާލްގެ ޚިދުމަތް ރާއްޖެ ގެނައުމަށް އުރީދޫއާކު ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު އެ ޚިދުމަތް ފެށޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެސްއެމްއީތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ބީއެމްއެލްގެ ބުރަ މަސައްކަތާއެކު "ސްވައިޕް"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލް ޕްލެޓްފޯމެއްވެސް ޤާއިމުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ފަސޭހަތަކާއި ޔަޤީންކަން ލިބިގެންދާނެކަމަށް ބެލެވެއެވެ.