މާލެ އަތޮޅު ކައުންސިލްގެ އިދާރާއިން އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ 'ކާފު ފޯރަމް' މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
ކ. ތުލުސްދޫގައި 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމް، މިނިސްޓަރ ފައްޓަވައިދެއްވީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ފޯރަމް ފައްޓަވައިދެއްވައި މިނިސްޓަރ އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން އިސްނަގައިގެން މުޅި ކާފު އަތޮޅަށް އަމާޒުކޮށްގެން މި ފަދަ ފޯރަމެއް ކުރިއަށްގެންދާތީ ޝުކުރު އަދާކުރެއްވިއެވެ. މި ފޯރަމްގެ މުހިންމުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އަތޮޅުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޓަކައި ގިނަ ބަޔަކު އެއް މޭޒު ދޮށުގައި ތިއްބަވައިގެން މަޝްވަރާކުރެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހުރިހާ ކައުންސިލެއްގެ ވެސް އަޒުމަކަށްވާންވީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި މަސައްކަތް ކުރުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއެކު އަތޮޅު ކައުންސިލްތަކަށް ވާގޮތް އެނގުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އަތޮޅު ކައުންސިލްތައް އުވުނަސް އަތޮޅުތައް އުވާލެވޭ ގޮތަށް އިސްލާހެއް ގެނެސްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު އައި ބަދަލާއެކު ކައުންސިލްތަކުގައި ތިބި މުވައްޒަފުންގެ މަގާމުތަކާއި ވަޒީފާއަކަށް އެއްވެސް ބިރެއް ނެތްކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
"އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އުފެދޭ އިދާރާތައް އުފެދޭނެކަމަށް ޔަގީންކުރަނީ އަދި އެކަން ނިންމާނީ އެލްޖީއޭގެ ބޯޑުގެ ފަރާތުން. މިވަގުތު ބޯޑުގެ ރައީސަކަށްވެސް ހުރީ އަޅުގަނޑު. އަޅުގަނޑުމެން ދައުލަތުގެ ކަމާއި ބެހޭ ފަރާއްތަކާއި މަޝްވަރާކޮށްގެން އަދި މަސައްކަތްތައް ކުރިއަށް ގެންދާއިރު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އިދާރާތައް އުފެދިގެން ދާނީ މިހާރުވެސް އަތޮޅު ކައުންސިލުތައް އޮތް ރަށްރަށުގައި، އެހެންވީމަ އެގޮތަކުން މާބޮޑު ބަދަލުތަކެއް އަންނާނެކަމަށް ނުފެނޭ" ވަޒީރު ވިދާޅުވިއެވެ.
މިއައި ބަދަލާއެކު އަތޮޅުތަކުގައި ދެމުންގެންދާ ޚިދުމަތްތައް ހުއްޓުމެއްނެތި ޔަޤީންކަމާއެކު ދެމުންގެންދާނެކަމަށާއި، މިނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޔަޤީންކަމާއި އިތުބާރާއި އެކީގައި ކައުންސިލްތަކާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
''ފެހި ޤާނޫނު އަސާސީން އަޅުގަނޑުމެންނަށް ދިން އެންމެ ބޮޑު އަސާސަކީ ޤާނޫނު އަސާސީން ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށް ދިނުން. ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން އެންމެ ފުރިހަމަ މާނާގައި ކަށަވަރުކޮށްދިނުން'' މިނިސްޓަރ ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަސައްކަތުން ލާމަރުކަޒީ ނިޒާމު އަންނަނީ ކުރިއަރަމުންނެވެ. ނަމަވެސް އަދިވެސް ނިޒާމު ތަރައްޤީކުރަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް ބޭއްވިގެން މިނިސްޓްރީއަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެއީ އެ ކަމާމެދު ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ.
ކާފު ފޯރަމް މެދުވެރިކޮށް މުހިންމު ކަންތައްތަކެއްގެ މަޝްވަރާ ކުރެވިގެންދާނެ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފޯރަމް ޝަރަފުވެރިކޮށް ދެއްވުމަށް ފަހު މިނިސްޓަރ ވަނީ ރޭ ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ކައުންސިލުތަކުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ކާފު ފޯރަމް ގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މިއިން ކޮންމެ މުއައްސަސާއަކުން ވެސް ވަކި ވަކި ސެޝަންތައް ބޭއްވުމުގެ އިތުރަށް ކައުންސިލްތަކާއެކު ޑިސްކަޝަން ސެޝަންތައް ކުރިއަށްގެންދިޔުމަށް ވަނީ ރޭވިފައެވެ. އަދި އެކި ހުށަހެޅުންތައް ވެސް ހުށަހަޅާނެއެވެ.
ހަބަރު: ސަރުކާރު