ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓު މިހާތަނަށް ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓު މިހާތަނަށް ކޮށްފި

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓު މިހާތަނަށް ޢާއްމުންގެ ފަރާތުން ހުށަހަޅާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މި ރިޕޯޓުތައް ލިބިފައިވަނީ ވުޒާރާއިން ރިޕޯޓުކުރުމަށް ހުޅުވާލިތާ ކުރު މުއްދަތެއްގެ ތެރޭގައެވެ.

ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް ވުޒާރާއިން ޢާއްމުންނަށް ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިކަމުގެ މަޤްޞަދަކީ ޤަވާއިދާ ޚިލާފަށް ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އެކަން ހުއްޓުވުމެވެ.

މިކަމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރު ތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު ޢާއްމު އެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ.

މި ރިޕޯޓުތަކާ ގުޅިގެން ފިޔަވަޅު އެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިއަދު މެންދުރުފަހުން ފެށިގެން ހަރަކާތްތެރިވާން ފަށާނެއެވެ. ވަޒީރު ސައީދު ޔަޤީންކަން ދެއްވާފައިވަނީ، "ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން" ކަމަށެވެ.

މީގެ އިތުރުން، ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމުގެ މި މަސައްކަތުގައި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ. މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމާއި، ދިވެހި ވިޔަފާރިވެރިންގެ މަޞްލަޙަތު ރައްކާތެރިކުރުން ކަމަށް ވުޒާރާއިން ބުނެއެވެ.

މިއަދު އޮންލައިން