އެއަރ އެމްބިއުލާންސްގައި 1800 ބަލި މީހުން އުފުލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެއަރ އެމްބިއުލާންސްގައި 1800 ބަލި މީހުން އުފުލައިފި

އެއަރ އެމްބިއުލާންސްގެ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 1800 ބަލި މީހުން ވަނީ އުފުލާފައި ވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ޚިދުމަތަކީ ވައިގެ މަގުން ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް ޚާއްސަކޮށް މި ސަރުކާރުން ފެށި މުހިންމު ޚިދުމަތެކެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ. މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުއްލި ހާލަތުގައި ބަލި މީހުން އަވަހަށް ފަރުވާދެވޭނެ ތަނަކަށް ގެންދިއުމަށްޓަކައި ފެށި ޚިދުމަތެކެވެ.

ވުޒާރާއިން ދެއްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1800 ބަލި މީހުން ވަނީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް އުފުލާފައެވެ. މިއީ ޖުމްލަ 1562 ދަތުރު ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުއްލި ހާލަތުގައި ލިބެންޖެހޭ ފަރުވާ އަވަސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ދައުރުގެ މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. މި ޚިދުމަތް ފެށުނުތާ އަހަރެއް ވެފައިވާއިރު، މިހާރު މި ޚިދުމަތުގައި ވެންޓިލޭޓަރާއި އިންކިއުބޭޓަރ އަދި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ވަނީ ޤާއިމުކުރެވިފައެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން