ސްރީލަންކާއަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ޓެލެތޯނެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސްރީލަންކާއަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ޓެލެތޯނެއް ފަށަނީ

އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބަޔަކު މަރުވެ އެތައްބަޔަކު ޙާލުގައި ޖެހިފައިވާތީ، އެޤައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ޓެލެތޯނުގެ މަޤްޞަދަކީ މި ހިތާމަވެރި ދަނޑިވަޅުގައި ލަންކާގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޕީއެސްއެމްއިން ހާމަކުރެއްވި ގޮތުގައި މި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ 30 ނޮވެންބަރު 2025ވާ އާދީއްތަ ދުވަހު ހެނދުނު 9:00އިން ފެށިގެން މެންދަމު 1:00އަށެވެ. މި ޓެލެތޯނުގައި ޕީއެސްއެމްއާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހާ ނޫސް މީޑިއާތަކަށް ވަނީ ދަޢުވަތުދީފައެވެ. މިއީ ލަންކާއަށް ދިމާވެފައިވާ ގުދުރަތީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި މުޅި މީޑިއާ ދާއިރާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއަށް ވާއިރު، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމުގައި ޕީއެސްއެމްއިން ފާހަގަކުރެއެވެ.

ޕީއެސްއެމްއިން ވިދާޅުވީ ލަންކާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ޙާލަތުގައި ދިވެހިންނަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދިނުން މުހިއްމު ކަމަށެވެ. އެހެންކަމުން، ދިވެހި ރައްޔިތުންގެ އެހީތެރިކަން ލަންކާގެ ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ޓެލެތޯނުގައި ބައިވެރިވެ، ދީލަތިކަމާއެކު އެހީތެރިވުމަށް ޕީއެސްއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން