ސްރީލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވެފައިވާ ދިވެހި ރައްޔިތުންނަށް އަސާސީ ކާބޯތަކެއްޗާއި އެހެނިހެން ބޭނުންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮލޮމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުން ފަށައިފިއެވެ. މި މަސައްކަތަކީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބެލުމަށް ހައިކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށިފައިވާ މަސައްކަތެކެވެ.
ހައިކޮމިޝަނުން ވިދާޅުވީ، ފެންބޮޑުވުމުގެ ޙާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ރިޕޯޓުކުރުމަށްޓަކައި ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވާނެ ކަމަށެވެ. އަދި ހައި ކޮމިޝަނުން އަންނަނީ ދިވެހީންގެ ހާލު ގާތުން ބަލަމުންނެވެ. އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ގުޅައި، ދިމާވާ ދަތިތައް އޮޅުން ފިލުވާ ހާލަތު ދެނެގަންނަމުންދާ ކަމަށްވެސް ހައިކޮމިޝަނުން ހާމަކުރެއްވިއެވެ.
އެހީތެރިކަމަށް އެދުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ލަންކާގެ އެކި ސަރަޙައްދުތަކުގައި ކާބޯތަކެތި ހޯދުމަށް ދަތިވާ ދިވެހިންނަށް ކާ އެއްޗެއްސާއި ފެން ފޯރުކޮށްދެމުންދާކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ. ސްރީލަންކާގެ ކޮލޮމްބޯގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް ވެސް މި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ހައިކޮމިޝަނުން އިތުރަށް ވިދާޅުވިއެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ޤައުމުގެ އެއަރޕޯޓުގައި ނުފުރި ތިބި ދިވެހިންގެ ހާލަތު ދެނެގަނެ އެހީވުމުގެ މަސައްކަތްވެސް ހައިކޮމިޝަނުން ވަނީ ފަށާފައެވެ. މީގެ އިތުރުން، ސްރީލަންކާގެ ފެންބޮޑުވުމުގެ ޙާދިސާގައި ގެއްލުންވި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށް ވެސް ދިވެހި ހައިކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.