ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ނުފުރި ލަސްވާ ފަރާތްތަކުގެ ވިސާއަށް ލުއިތަކެއް ދިނުމަށް ލަންކާއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ނުފުރި ލަސްވާ ފަރާތްތަކުގެ ވިސާއަށް ލުއިތަކެއް ދިނުމަށް ލަންކާއިން ނިންމައިފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ގޯސް ޙާލަތުގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ، އެ ޤައުމުން ނުފުރި ލަސްވާ ބިދޭސީންގެ ވިސާގެ ކަންކަމަށް ލުއިތަކެއް ދިނުމަށް ސްރީލަންކާގެ އިމިގްރޭޝަނުން ނިންމައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ މައުލޫމާތު ދެއްވާފައެވެ.

ލަންކާ ދިވެހި އެމްބަސީން ވިދާޅުވީ، ސްރީލަންކާގައި މިވަގުތު ތިބި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް މި ޙާލަތުގައި ނުފުރި ލަސްވުމާ ގުޅިގެން ވިސާ ހަމަވުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ ސްރީލަންކާގެ އިމިގްރޭޝަނުން އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މޫސުން ގޯސްވެ، ފްލައިޓްތައް ކެންސަލް ކުރުމާ ގުޅިގެން ނުފުރި ތިބި ފަރާތްތަކުގެ ވިސާގެ ފީއާއި، ވިސާ ހަމަވެ އިތުރަށް މަޑުކުރަންޖެހޭ މުއްދަތުގައި އަރާ ޖޫރިމަނާ ފީތައް މާފު ކުރުމަށް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުރު މުއްދަތަކަށް ދަތުރުކުރާ ފަތުރުވެރިންނާއި، ބިޒްނަސް ވިސާއާއި ރެސިޑެންސް ވިސާ ފުރިހަމަ ކުރުމަށް 7 ދުވަހުގެ މުހުލަތެއް ދިނުމަށްވެސް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ. މި ޚިދުމަތްތައް ސްރީލަންކާގެ އިމިގްރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ޤައުމުގައި ވަނީ ކުއްލި ޙާލަތު ޢިއުލާންކޮށްފައެވެ.

މިއަދު އޮންލައިން