ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާ، އެގައުމުގެ އެއަރޕޯޓުތަކުގައި ތާށިވެފައި ތިބި ދިވެހިން، އެމަޢުލޫމާތު ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ ހޮޓްލައިނަށް ގުޅައިގެން ޙިއްސާކުރުމަށް އެދިއްޖެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުތަކަށް ބުރޫއަރާފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ޓްރާންސިޓް ދަތުރުތަކުގައިވެސް ތާށިވެފައިވާ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
ހައި ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ސްރީ ލަންކާގެ މޫސުން ގޯސްވެ، އެގައުމުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައިވާތީ ވައިގެ ދަތުރުތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވެއެވެ. މިކަމުގެ ސަބަބުން ލަންކާއާއި ރާއްޖެއާއި ދެމެދުގެ ދަތުރުތަކުގެ އިތުރުން، އެހެން ގައުމުތަކަށް ދަތުރުކުރުމަށް ޓްރާންސިޓްވާ ދިވެހިންގެ ދަތުރުތަކަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.
އެއަރޕޯޓުތަކުގައި ތާށިވެފައިވާ ދިވެހިންގެ ޙާލަތު ބެލުމަށް ހައި ކޮމިޝަންގެ ޓީމްތައް އެއަރޕޯޓަށް ގޮސްގެންވެސް މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. އެހެންކަމުން، އެއަރޕޯޓުގައި ތިބި ދިވެހިން ވީހާވެސް އަވަހަކަށް ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު ކަމަށްވާ +94 76881 6666 އަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، ރާއްޖެއިން ސްރީ ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން، ދަތުރު ފެށުމުގެ ކުރިން އެއަރލައިންއާއި ގުޅައިގެން އެންމެ އަދާހަމަ މަޢުލޫމާތު އޮޅުން ފިލުވުމަށް ހައި ކޮމިޝަނުން ވަނީ ސަމާލުކަން ދީފައެވެ.