އަވަށްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން ރަސްމީކޮށް ފަށައިފިއެވެ.
މި ޓެލެތޯން ކުރިއަށް ގެންދަނީ، ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިތުވާއާ ގުޅިގެން ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
މި ޓެލެތޯން މިހާރު ފަށާފައިވާއިރު، މިއަދު މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ޙަރަކާތް ކުރިއަށް ދާނެއެވެ. ޕީއެސްއެމްގެ އިތުރުން 37 މީޑިއާއެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް އަޚްވަންތަ ގުޅުން ދައްކުވައިދޭނެ ކަމެކެވެ.
ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށްޓަކައި ޚާއްސަ އެކައުންޓެއް ވެސް ވަނީ ހަދާފައެވެ. މި ޓެލެތޯންގެ މަޤްސަދަކީ ލަންކާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އަވަސް އެހީއެއް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ހިލޭ އެހީ ހޯދުމެވެ.