އަވަށްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ބާއްވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ހުރިހާ ދިވެހީން ބައިވެރިވުމާއި އެއްބާރުލުން ދެއްވުމަށް މީޑިއާތަކުން އިލްތިމާސްކޮށްފިއެވެ.
މި ޓެލެތޯންގެ މަޤްޞަދަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން ކާރިސީ ޙާލަތުގައި އޮތް އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޓެލެތޯން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީޑިއާތަކުންވަނީ މިއީ މީޑިއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމުގައި ވީނަމަވެސް، މިކަމުގައި ހުރިހާ ދިވެހީން ބައިވެރިވުމާއި އެއްބާރުލުން ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން، ޕީއެސްއެމްގެ އިތުރުން 37 މީޑިއާއެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޓެލެތޯނަކީ ޤައުމީ ފެންވަރުގައި ހިންގާ ހަރަކާތެއްކަން ފާހަގަކުރެވެއެވެ.
މި ޓެލެތޯނުގައި ޒުވާނުންގެ ބައިވެރިވުމުގެ މުހިންމުކަން ފާހަގަކޮށް، މީޑިއާއަކުން ވަނީ ޚާއްސަ އިލްތިމާސެއް ކުރައްވާފައެވެ. "ޒުވާނުން އަބަދުވެސް ދައްކާވާހަކައެއް، ދުނިޔެ ބަދަލުކުރުމުގެ ވާހަކަ. މިދަނޑީވަޅަކީ އަޅުގަނޑުމެން ޒުވާނުން ތެދުވެ ލަންކާގެ ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރަންވީ ވަގުތު. އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ޒުވާނުންވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން."
މި ޓެލެތޯން މިހާރު ފަށާފައިވާއިރު، މިއަދު މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ޙަރަކާތް ކުރިއަށް ދާނެއެވެ. މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއިން އަރައިގަތުމަށް ދިވެހި ރައްޔިތުންގެ އެހީތެރިކަމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަން މީޑިއާތަކުން ފާހަގަކުރެއެވެ.