ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ޝިބާ ރަޝީދު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެކުއްޖާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 05:55 އެހާކަންހާއިރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް ޝިބާ ރަޝީދު ފެނިފައިނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ވަނީ ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތު ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.