މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ވިދާޅުވެއްޖެއެވެ.
މި ވިއްސާރައަކީ ރާއްޖެއާ ކައިރިން ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ތޫފާނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މި ވިއްސާރައަށް މަގުފަހިކުރި "ޑިޓުވާ" ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 875 ކިލޯމީޓަރު ދުރުގައެވެ. މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މި ތޫފާން ދަތުރުކުރާނީ ރާއްޖެއާ ދުރަށްކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރައްވައެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ. ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ވިއްސާރަ އަލިވާން ފަށާނެކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށް މެޓް އޮފީހުން ވިދާޅުވުމާއެކު، އާންމުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައެވެ.