ޓެލެތޯންގެ ނާޖާއިޒް ފައިދާ ނަގައި ސްކޭމަރުން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންގޮސްދާނެތީ ސަމާލުވުމަށް އެދިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޓެލެތޯންގެ ނާޖާއިޒް ފައިދާ ނަގައި ސްކޭމަރުން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންގޮސްދާނެތީ ސަމާލުވުމަށް އެދިއްޖެ!

ސްރީލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ތެރެއިން ސްކޭމަރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންގޮސްދާނެތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ. ޓެލެތޯން ފަދަ ހެޔޮކަމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އާންމުންގެ އިތުބާރުގެ ނާޖާއިޒް ފައިދާ ނަގައިގެން ސްކޭމް ހިންގާ ފަރާތްތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ސިލޯނާއެކު ދިވެހިން" ޓެލެތޯންގައި ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ އިދާރާގެ ސީނިއަރ ސަރޖަންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ، ޓެލެތޯނަށް ވަކި ޚާއްސަ އެކައުންޓް ނަންބަރެއް ޚާއްސަކޮށްފައިވީނަމަވެސް، ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެންވެސް މިފަދަ މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ޚާއްސަކޮށް މިފަދަ ޓެލެތޯންތައް ކުރިއަށްދާއިރު ސްކޭމަރުން ސްކޭމް ހިންގާކަމަށް ފުލުހުން ވަނީ ބައްލަވާފައެވެ.

ޝަހުނީޒް އިތުރަށް ވިދާޅުވީ، "ޚާއްސަގޮތެއްގައި މިފަދަ ޓެލެތޯންއެއް ފެށިގެން ދާއިރުގައި އޭގެ ނާޖާއިޒް ފައިދާ ނެގުމަށްޓަކައި ސްކޭމަރުން މަސައްކަތްތަކެއް ކުރަމުންދާނެ." ވީމާ، މިފަދަ ކަންކަމުން ދުރުވުމަށްޓަކައި ޚާއްސަކުރެވިފައިވާ އެކައުންޓް ނަންބަރު ރަނގަޅަށް ކަށަވަރުކުރެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އެކައުންޓް ނަންބަރު ކަށަވަރުކުރުމަށްޓަކައި ޕީއެސްއެމް، ފުލުހުން، އަދި ބީއެމްއެލް މެދުވެރިކޮށްވެސް ކަށަވަރުކުރެވޭނެ ގޮތްތައް ހުންނާނެކަމަށް ޝަހުނީޒް ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ހެޔޮ މަގުގައި ބޭނުންކުރުމަށްޓަކައި، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން ރަސްމީކޮށް ހާމަކޮށްފައިވާ އެކައުންޓް ނަންބަރަށްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

މިއަދު އޮންލައިން