ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ދިވެހިން ބަހައްޓަވާ ގާތްތަކަމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށް ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ، ލަންކާއަށް އެހީވުމަށް ބޭއްވި "ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވީ ގެއްލުންތައް ވަޒަންކޮށް ހާލުގައި ޖެހިފައިވާ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މިފަދަ ދަތި ހާލަތެއްގައި ދިވެހިން ލަންކާއަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަކީ ވަރަށް ބޮޑު އެހީއެއްކަމަށް އޭނާ ވިދާޅުވިއެވެ.
ސަފީރު މުހައްމަދު ރިޒްވީ ހަސަން ވަނީ މިކަމުގައި ދިވެހި ސަރުކާރުން އިސްނަންގަވައި ދެއްވި އެހީތެރިކަން ޚާއްސަކޮށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުން ދެއްވާ އެހީތެރިކަން ލަންކާއިން ބަލައިގަންނަ ކަމަށާއި، މިކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.