މޫސުން ގޯސްވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވުމުގެ ޙާލަތު ކުރިމަތިވެފައިވާ ސްރީލަންކާގެ މާލަބެ ޑިސްޓްރިކްޓުގައި ތިބި ދެ ދިވެހި ރައްޔިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރިކަމުގެ ހިޔާވަހިކަން ދީފައިވާ ކަމަށް ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބިދާޅުވެއްޖެއެވެ. މި ދެމީހުންނަކީ މިސަރަޙައްދެއްގައި ދިރިއުޅެމުންދިޔަ މަންމައަކާއި ދަރިފުޅެކެވެ.
ހައިކޮމިޝަނުން ވިދާޅުވީ، މި ދެމީހުންނަށް މިހާރުވަނީ ހައިކޮމިޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.
ލަންކާއަށް ދިމާވެފައިވާ ކާރިސާއާއި ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ޙާލަތު ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހައިކޮމިޝަނުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ. މިގޮތުން، ކާރިސާގެ ސަބަބުން ގެއްލުންވެފައިވާ ދިވެހިން ހޯދައި، އެހީތެރިކަން ދިނުމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
ހައިކޮމިޝަނުން ވަނީ، ސްރީ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ކޮމިޝަނަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ. އެހީތެރިކަން ހޯދުމަށް ގުޅާނެ ހޮޓްލައިން ނަންބަރަކީ 6666 9476881+ އެވެ. މި ނަންބަރަށް ގުޅުމުން ކާރިސާއާއި ގުޅޭ އެހީތެރިކަން ލިބިގެންދާނެއެވެ.